16 ޖޫން 2025 - 10:23

ޝަރަފުވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ އާއި މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީ އާއި ޕޭ-ކޮމިޝަންގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިފި އެވެ.
ފަނޑިޔާރުންގެ ރިޓަޔާމަންޓާ ގުޅިގެން މިހާރު އަމަލުކުރަމުން އަންނަ ގަވާއިދުގައި، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައެއް ނޯވެ އެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާ ނަމަ އެވެ.
ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ނިންމާފައި ވަނީ އެ ގަވާއިދު އިސްލާހުކޮށް، އުއްތަމަ ފަނޑިޔާރުންނަށް ހާއްސަ އެލަވެންސެއް ދިނުމަށެވެ. އެގޮތުން، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލަވަންސާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދޭން ވަނީ ހިމަނައިފަ އެވެ. އަދި ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ފަނޑިޔާރުކަމުގެ މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ލަފާ ހޯދުމަށް ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާތީ، އެކަން ދިރާސާކޮށް އެ ކޮމިޓީން މިއަދު ފާސްކުރީ އެފަދަ އެލެވެންސް ދިނުމަކީ ދައުލަތުން އިތުރަށް ކުރަން ޖެހޭ ހަރަދަކަށްވާތީ، އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައި، އެ ލަފާގެ މަތިން ޕޭ-ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ގަވައިދު އިސްލާހުކުރާށެވެ.
މިހާރު ގަވާއިދު އޮތްގޮތުން، ރިޓަޔާވާއިރު އެއްފަހަރާ ދޭ އިނާޔަތް ހިސާބު ކުރުމުގައި މުއްދަތު ގުނާނީ އެ ފަނޑިޔާރަކު ފަހުން އައްޔަންކުރި ތާރީހުން ފެށިގެން ރިޓަޔާ ކުރުމާ ދެމެދު ހިދުމަތް ކުރި މުއްދަތެވެ. އަދި މަހުން މަހަށް ދޭ އިނާޔަތް ހިސާބު ކުރާނީ ފަނޑިޔާރުކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަހުން ފަނޑިޔާރު ކަމަށް އައްޔަންކުރި މުއްދަތު ގުޅުވައި، ރިޓަޔާ ކުރުމާ ހަމަޔަށް ފަނޑިޔާރު ކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށެވެ.
ޖޭއެސްސީން ގަވައިދަށް މި ބަދަލު ގެންނަން ނިންމާފައި ވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރެއްވި އުއްތަމަ ފަނޑިޔާރު މުއުތަސިމަށް މިހާރު ގަވާއިދު އޮތްގޮތުން އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ އަދަދަށް ވުރެ އެތައް ގުނައެއް އާ އިސްލާހާ އެކު ބޮޑުވެގެންދާނެ އެވެ. އަދި އެ ބަދަލާ އެކު، އެމަނިކުފާނަށް ގަނޑުކޮށް ގާތްގަނޑަކަށް ފަސް ލައްކައެއްހާ ރުފިޔާ ރިޓަޔާމަންޓް އެލެވެންސްގެ ގޮތުގައި ލިބޭނެ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ފަނޑިޔާރު ކަމުގައި ނުވަ އަހަރާއި ހަ މަހާއި 11 ދުވަސް ހޭދަ ކުރައްވާފައި ވާއިރު، ދައުލަތަށް އެމަނިކުފާނު ހިދުމަތް ކުރައްވާތާ 24 އަހަރާއި ހަތަރު މަހާއި 18 ދުވަސް ވަނީ ވެފަ އެވެ.