16 ޖޫން 2025 - 10:49

ކުރީގެ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަން އަންނަ މަހު ތިނެއްގައި ސްޓާ ޕްލަސް އިން ދައްކަން ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ޑްރާމާގެ ލީޑު ކެރެކްޓާ ތުލްސީގެ ރޯލުން އާ ސީޒަންގައި ފެންނާނީ ފުރަތަމަ ސީޒަންގައި ވެސް އެ ރޯލު ކުޅުނު ސުމިރުތީ އިރާނީ އެވެ. އަދި އޭނާއާއެކު ލީޑު ފިރިހެން ކެރެކްޓާ މިހީރުގެ ރޯލުން ފެންނަނީ ފުރަތަމަ ސީޒަންގައި ވެސް އެ ރޯލު ކުޅުނު އަމަރް އުޕަދަޔާޔީ އެވެ.
ސުމިރުތީ އާއި އަމަރް ފިޔަވާ އާ ސީޒަންގައި ކާސްޓުގައި ދެން ހިމެނެނީ މުޅިން އާ ބަޔަކު ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
"ކިޔުކީ"ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް އަދި މިހާތަނަށް އާ ސީޒަންއާ ބެހޭ ގޮތުން މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދެ އެވެ.
ނަމަވެސް، ބައެެއް ރިޕޯޓްތައް ބުނި ގޮތުގައި، ސްޓާ ޕްލަސް އިން "ކިޔުކީ"ގެ އާ ސީޒަން ދައްކަން ފަށަނީ އެ ޑްރާމާގެ 25 ވަނަ އަހަރީ ދުވަހާ ދިމާކޮށް އަންނަ މަހު ތިނެއްގަ އެވެ. އަދި ޑްރާމާ ދައްކާނީ ހަފުތާގެ ކޮންމެ ދުވަހަކު ރާއްޖެ ގަޑިން ރޭގަނޑު 10:00 ގަ އެވެ.
"ކިޔުކީ"ގެ އާ ސީޒަންގައި ގެނެސްދޭނީ 150-200 އެޕިސޯޑު ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
"ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ފުރަތަމަ ސީޒަން 2000 ވަނަ އަހަރު ފަށައިގެން 8 އަހަރަށް ދިގުދެމިގެން ދިޔައިރު، 1،800 އަށް ވުރެ ގިނަ އެޕިސޯޑު ގެނެސްދިނެވެ. އެއީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ޓީވީ ޑްރާމާ އެވެ.
އެ ޑްރާމާއިން ލިބުނު މަޝްހޫރު ކަމުގައި ސުމިރުތީ ދެން ނުކުތީ ސިޔާސީ ދާއިރާއަށެވެ. އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީގެ މެމްބަރެއް ކަމަށްވާ ސުމިރުތީ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކޮށްފަ އެވެ. ނަމަވެސް، މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުން އޭނާ ވަނީ ނާކާމިޔާބުވެފަ އެވެ،
ސުމިރުތީ ވަނީ އިންޑިއާ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މިނިސްޓަރުކަން ވެސް ކޮށްފަ އެވެ.