15 ޖޫން 2025 - 23:50

އިޒްރޭލާއި އިރާނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިރާނުގެ ޑިފެންސް މިނިސްޓްރީ އަށް ވެސް އިޒްރޭލުން މިއަދު ހަމަލާ ދީފި އެވެ.
އިޒްރޭލުން ހަމަލާ ދިނީ އިރާނުގެ ޑިފެންސް މިނިސްޓްރީގެ އިތުރުން އެ ގައުމުގެ އެނާޖީ އިންޑަސްޓްރީގެ މަރުކަޒުތަކަށެވެ.
އިރާނުގެ ދެކުނުގެ ބުޝެހުރު ޕްރޮވިންސްގެ ކަނޑުގެ އައްސޭރީގައި ހުންނަ ގޭސް އުފައްދާ ފެސިލިޓީއަކަށް ވެސް އިޒްރޭލްގެ ހަމަލާތައް އަމާޒުވި އެވެ. އެއީ އީރާނުގެ ރައްޔިތުންނަށް ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް 70 ޕަސެންޓް ފޯރުކޮށްދޭ މަރުކަޒެވެ.
އިޒްރޭލުން ބުނީ އީރާނުގެ އިރުމަތީގެ މަޝްހާދު އެއާޕޯޓުގައި ތޮޔަ އަޅަން ޖައްސާފައި އޮތް އަސްކަރީ މަތިންދާބޯޓަކަށް ވައިގެ މަގުން ހަމަލާ ދީފައިވާނެ ކަމަށެވެ. އެއީ އަސްކަރީ އޮޕަރޭޝަން ފެށި ފަހުން އެންމެ ދުރުން ދިން ހަމަލާ ކަމަށް އިޒްރޭލުން ބުންޏެވެ.
އިޒްރޭލުން ބުނިގޮތުގައި، އެ ހަމަލާ ދިނީ ގާތްގަނޑަކަށް 2،300 ކިލޯމީޓަރު (1،429 މޭލު) ދުރުންނެވެ.
އިޒްރޭލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އިރާނުގެ ހުޅަނގު ސަރަހއްދުގެ މިސައިލް ސައިޓްތަކެއް ކަމަށް ބެލެވޭ ތަނަކަށް އަމާޒުކޮށް ވެސް ވައިގެ ހަމަލާތަކެއް ދީފައި ވާނެ ކަމަށެވެ.
އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިޒްރޭލްގެ ހަމަލަތާކުގެ ސަބަބުން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ބަލިކަށި ކޮށްލާފައިވާ ކަމަށެވެ.