15 ޖޫން 2025 - 15:25

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޯޓިސް ފޮނުވަން ފަށައިފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް މިއަދު ވިދާޅުވީ މި ފަހުން ގެނައި ބަދަލަކާ އެކު، ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިހެއް ފޮނުވަން ފަށާފައިވާ ކަމަށެވެ. އެއީ ކުލި ދައްކަން ނަސޭހަތް ދީ ފޮނުވާ "ޕޭމަންޓް އެޑްވައިސް" ނޯޓިސްއެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގެ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންގެ ތެރޭގައި ފްލެޓުތަކަށް ވަން ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ މީހުންނާއި ގަވާއިދުން ކުލި ނުދައްކާ މީހުން ވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެޗްޑީސީން "ސަން" އަށް މިދިޔަ މަހު ދީފައިވާ މައުލޫމާތުގައިވެ އެވެ.
އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ.
ހުޅުމާލެއިން ދޭ ސޯޝަލް ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކުގައިވާ ގޮތުން ގަވާއިދުން ކުލި ނުދައްކާ ނަމަ، ފްލެޓު އަތުލުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް ކުލި ނުދައްކައިގެން އަތުލާފައެއް ނުވެ އެވެ.
މި ސަރުކާރުން ވަނީ، އެކި ހައުސިން މަޝްރޫއުތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ވެސް ކުޑަކޮށްދީފަ އެވެ.