15 ޖޫން 2025 - 12:09

މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއް، ވައިބާރުވުމުގެ ސަބަބުން އެ ރަށަށް ނުޖެެއްސިގެން އެނބުރި އަތުވެއްޖެ އެވެ.
މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރީ މިއަދު ހެނދުނު 8:34 ގަ އެވެ. އަދި ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް އެ އެއާޕޯޓުގައި ނުޖެއްސިގެން ވަރަށް ގިނައިރު މަތީގައި އުދުހެން ޖެހުނެވެ.
އޭޓީއާރު 72-600 މަރުކާގެ އެ ބޯޓު އެނބުރި މާލެ އައީ ދެ ގަޑިއިރެއްހާއިރު ވައިގެމަތީގައި އޮތުމަށް ފަހު މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު އެވެ. ވައިގެމަގުން މާލެއިން ކުޅުދުއްފުޓަށް އާންމުކޮށް ދެވެނީ 40-45 މިނެޓުންނެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް، ކުޅުދުއްފުށި ހިމެނޭ ސަރަހައްދަށް ދެންމެ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެ އެލާޓް ނެރުނީ ހއ. އިން ފެށިގެން ޅ. އަތޮޅަށް މިއަދު ހެނދުނު 11:45 އިން ހަވީރު 4:00 ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ވައިޖެހޭނީ އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ވައިގަދަވި ދުވަސް ކަމަށް ރިކޯޑްކުރެވިފައި ވަނީ މެއި 29، 1991 އެވެ. އެ ދުވަހު ސ. ގަމަށް ގަޑިއަކު 103.5 މޭލަށް ވައިގަދަވި އެވެ.