15 ޖޫން 2025 - 05:48

އިޒްރޭލުން އިސްވެ އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ތިން ވަނަ ދުވަހު އީރާނުން ވެސް ރައްދުގައި އާ ހަމަލާތަކެއް އިޒްރޭލަށް ދީފި އެވެ.
އީރާންގެ ގައުމީ ޓީވީން ބުނީ "އޮޕަރޭޝަން އޮނެސްޓް ޕްރޮމިސް 3" ގައި ގިނަ އަދަދެއްގެ މިސައިލް އިޒްރޭލަށް އަމާޒުކޮށް ފޮނުވަން ފެށީ ޖީއެމްޓީ ގަޑިން ރޭ 11:40 ގައި އެހާއިރު ކަމަށެވެ. އެއީ އީރާން ގަޑިން ފަތިހު 3:10 ހާއިރު އެވެ.
އޭގެ އިރުކޮޅެއް ފަހުން އިޒްރޭލުން ވަނީ ރައްކާތެރި ތަންތަނަށް އާންމުން ވަނުމަށް އަންގައި ގިނަ ސަރަހައްދުތަކެއްގައި ސައިރަން އަޅައި ކުއްލި ހާލަތަށް ގެންގޮސްފަ އެވެ. އޭއެފްޕީން ބުނީ ގޮތުގައި އީރާނުން ހަމަލާތައް ފޮނުވާލި ކަމަށް ބުނިތާ ގަޑިއެއްހާއިރު ފަހުން ގުދުސް އާއި ތެލް އަވީވުން ވަނީ ގަދަ އަޑުތަކެއް އިވިފަ އެވެ.
އެކި ހިސާބުތަކަށް މިސައިލްތައް އަމާޒުވެފައި ވާއިރު ހައިފާއިން އަންހެނަކު މަރުވިކަން ވެސް އިޒްރޭލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ހަމަލާގައި އިތުރު 13 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.
އީރާންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުން ވާނީ އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތަކަށް ތެޔޮ އަޅާ ސައިޓްތަކަށް ހަމަލާ ދީފަ އެވެ.
އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އީރާންގެ ބައެއް މިސައިލްތައް އިންޓަސެޕްޓު ނުކުރެވި އިޒްރޭލުގެ މުހިންމު ހިސާބުތަކަށް އަމާޒުވެފައިވެ އެވެ. ބައެއް "ޑައިރެކްޓް ހިޓް" ތަކާ އެކު ބޮޑެތި ގޮވުންތައް ގޮވާ މަންޒަރު އެ ވީޑިއޯތަކުން ފެނެ އެވެ.
އީރާނުން ރޭ ދިން ހަމަލާތަކުގައި ވެސް އިޒްރޭލުގެ މުހިންމު ސިޓީތަކުގެ ބޮޑެތި ބައެއް އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އިޒްރޭލުން ރޭ ވަނީ އީރާންގައި ތެޔޮ ރައްކާކުރާ ބޮޑު ދެ ތަނަކަށް ހަމަލާދީފަ އެވެ. އީރާންގެ އޮއިލް މިނިސްޓްރީން ބުނީ ތެހެރާނުގެ ހުޅަނގު އުތުރުގައި އޮންނަ ޝަހްރާނުގައި ތެޔޮ ރައްކާކުރާ ފެސިލިޓީތަކާއި އެ ސިޓީގެ ދެކުނުގައި ހުރި އެހެން ސްޓޯރޭޖް ސައިޓަކަށް ހަމަލާ އަމާޒުވެފައިވެ އެވެ.
މީގެ އިތުރުން ތެހެރާންގައި ހުންނަ ޑިފެންސް މިނިސްޓްރީ އިމާރާތާއި ނިއުކްލިއާ ޕްރޮޖެޓްތައް ހިންގާ އެކި އޮފީސްތައް ހުންނަ ތަންތަނަށް ވެސް ހަމަލާ ދީފައިވާނެ ކަމަށް އިޒްރޭލުން ބުންޏެވެ. އީރާނުން އިއްޔެ އިޒްރޭލަށް ދިން ހަމަލާތަކެއް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ އިމާރާތަކަށް އަމާޒުވި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.