އީރާނުގައި އޮންނަ، ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިޒްރޭލުން ހަމަލާ ދީފި
އީރާނުގައި އޮންނަ، ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިޒްރޭލުން ހަމަލާ ދީފި

ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް ކަމަށްވާ، އީރާންގެ ސައުތު ޕާސް އަށް އިޒްރޭލުގެ ޑްރޯނަކުން މިރޭ ހަމަލާ ދިނުމުން އެތަނުގައި ރޯވެއްޖެ އެވެ.

ގަތަރާ ވެސް ހިއްސާކުރާ މި ގޭސް ފީލްޑަށް ހަމަލާ ދިނުމާ އެކު ބޮޑު ގޮވުމެއް ގޮވައި އަލިފާން ރޯވެފައިވެ އެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން އޮންނަ ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި "ސައުތު ޕާސްގެ ފޭސް 14 ގައި ހުންނަ ރިފައިނަރީގެ ބައެއްގައި އަލިފާން ރޯވި" އެވެ.

އެއީ ނެޗުރަލް ގޭސް ނެގުމުގެ މަރުހަލާއެއް ކަމަށްވާ، އެއިން ހައިޑްރޮޖެން ސަލްފައިޑް އަދި ކާބަންޑައިއޮކްސައިޑް ފަދަ އެސިޑިކް ގޭސްތައް ނައްތާލާ "ގޭސް ސްވީޓެނިން ޕްރޮސެސް" ހިންގާ ރިފައިނަރީއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ރިފައިނަރީގައި ރޯވެ އޮލަ ދުން ދަނީ އަރަމުންނެވެ.

މި ހަމަލާ ވާނީ 1980 ގެ ތެރޭގައި ކުރި އީރާން-އިރާގު ހަނގުރާމައަށް ފަހު އީރާންގެ ތެލާއި ގޭހުގެ އިންފްރާސްޓަރަކްޗާއަށް ބޭރު ބަޔަކު ދިން ފުރަތަމަ ހަމަލާއަށެވެ.

އިޒްރޭލުން ހުކުރު ދުވަހުން ފެށިގެން އީރާނަށް ހަމަލާދޭން ފަށާފައި ވާއިރު އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ. އެހެންވެ އިޒްރޭލުން ބުނަމުންދަނީ މިހާރު އީރާނަށް ބޭނުން ގޮތަކަށް ހަމަލާ ދެވޭނެ ކަމަށާއި ވެރިރަށް ތެހެރާނަށް އެއްވެސް ހިމާޔަތެއް ވެސް ނޯންނާނެ ކަމަށެވެ.