ފެޑެރާ އަށް މިއީ ހުވަފެނީ އަހަރެއް
ފެޑެރާ އަށް މިއީ ހުވަފެނީ އަހަރެއް

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (މާޗް 20) - މި އަހަރުގެ މިހާތަނަށް ދެއްކުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިއީ ހުވަފެނީ އަހަރެއް ކަމަށް ސްވިޒަލެންޑުގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ބުނެފި އެވެ.

ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ އަހަރުގެ ފަހު ބައިގައި ކުޅުމާ ދުރު ހުރުމަށް ފަހު ފެޑެރާ ވަނީ ކުޅުމަށް އެނބުރި އައިސް މި އަހަރު ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފަ އެވެ.

މިއީ 2012 ވަަނަ އަހަރުގެ ވިމްބަލްޑަން އަށް ފަހު ފެޑެރާ ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. އަދި މިއީ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.

އެ މުބާރާތަށް ފަހު ވެސް ފެޑެރާ އައީ އެ މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ. އަދި އޭނާ ވަނީ އިއްޔެ ކުޅުނު އިންޑިއަން ވެލްސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ފެޑެރާ ވާދަކުރީ ސްވިޒަލެންޑުގެ ސްޓެން ވަވްރިންކާއާ އެވެ. ދުނިޔޭގެ ތިން ވަނައިގައި އޮތް ވަވްރިންކާގެ މައްޗަށް ފެޑެރާ ކުރިހޯދީ 6-4 7-5 އިންނެވެ.

"މިއީ އަހަރެންނަށް ވަރަށް އެހެން ކަހަލަ ހިތްހަމަޖެހުމެއް ލިބޭ އަހަރެއް. އުއްމީދުކުރި ގޮތާ ހިލާފަށް އަހަރެންގެ މޮޅު ކުޅުން ދެއްކޭ އަހަރެއް މިއީ. މިއީ ހަގީގަތުގައި އަހަންނަށް ހުވަފެނީ އަހަރެއް. ހިޔެއް ނުކުރަން އަނިޔާ އިން ސަލާމަތްވެގެން އައިސް މިހާ ރަނގަޅަށް ކުޅެވޭނެ ކަމަށް،" ފެޑެރާ ބުންޏެވެ.

މިއީ ފެޑެރާ އިންޑިއަން ވެލްސް މުބާރާތް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. އަދި އޭނާ ވެފައިވަނީ މި މުބާރާތް ކާމިޔާބުކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. އުމުރުން 35 އަހަރުގައި ފެޑެރާ މި މުބާރާތް ކާމިޔާބުކުރިއިރު، ކުރިން މި މުބާރާތް ކާމިޔާބުކުރި އެންމެ ދުވަސްވީ ކުޅުންތެރިޔަކީ އަންދްރޭ އަގާސީ އެވެ. އޭނާ 2014 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރިއިރު އުމުރަކީ 34 އަހަރެވެ.