14 ޖޫން 2025 - 19:49

އިޒްރޭލުގެ އިންޓަނޭޝަނަލް މައި އެއާޕޯޓް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި އެވެ.
ބެން ގުރިއޮން އެއާޕޯޓް ބަންދުކޮށްފައި މި ވަނީ އިޒްރޭލުން އީރާނަށް ހަމަލާ ދޭން ފެށިތާ ދެ ވަނަ ދުވަހު އެވެ. އަދި އޭގެ ރައްދުގައި އިޒްރޭލަށް އީރާނުން ވެސް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށެވެ.
"އެއާޕޯޓް ހުޅުވާނެ ވަކި ތާރީހެއް އަދި ދުވަހެއް އަދި ނެތް،" އެއާޕޯޓްގެ ތަރުޖަމާނު ލީސާ ޑައިވާ ބުންޏެވެ.
އިޒްރޭލުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި ވައިގެ ދިފާއީ ނިޒާމުތަކަށް ހަމަލާދީ އަދި އަސްކަރިއްޔާގެ އިސް އެތައް ބަޔަކު އަވަހާރަކޮށްލާފައި ވާއިރު އީރާނުން ވަނީ ރޭ ދިން ހަމަލާތަކަށް ވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އެއާ އެކު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ވަނީ ދެން އިތުރަށް އިޒްރޭލަށް ހަމަލާ ދީފި ނަމަ އީރާން އަނދާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އޭނާ ބުނީ އީރާންގެ ވެރިން ގެންދަނީ އީރާންގެ އާންމުން ނުރައްކަލަށް ހުށަހަޅަމުން ކަމަށެވެ.
"އާޔަތުﷲ އަލީ ޚާމަނާއީ އިޒްރޭލަށް އިތުރު މިސައިލް ފޮނުވައިފި ނަމަ ތެހެރާން އަނދާނެ،" އޭނާ ބުންޏެވެ.
ބެން ގުރިއޮން އެއާޕޯޓް ބަންދުކުރީ އީރާންގެ ހަމަލާގެ ބިރަށް ކަމެއް ނުވަތަ އެހެން ސަބަބަކާ ހުރެ ކަމެއް ވެސް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ އެއާޕޯޓް ކައިރިން ޔަމަންގެ ހޫތީން މީގެ ކުރިން މިސައިލް ހަމަލާއެއް ދީފައިވެ އެވެ.