14 ޖޫން 2025 - 19:14

އީރާންގެ ހުޅަނގުން ވެރިރަށް ތެހެރާނާ ހިސާބަށް ވައިގެ ސަރަހައްދުގެ ކޮންޓްރޯލް މިހާރު އޮތީ އިޒްރޭލަށް ކަމަށާއި އެހެންވެ އެ ހިސާބަށް ބޭނުން ގޮތަކަށް މިހާރު ހަމަލާ ދެވޭނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އެފީ ޑެފްރިން ބުނީ އީރާންގެ ހުޅަނގުން ފެށިގެން ތެހެރާނާ ހިސާބަށް ވައިގެ ސަރަހައްދުގެ "މިނިވަންކަން" ލިބުމާ އެކު ތެހެރާން ވެސް މިހާރު އޮތީ ދިފާއު ނުވެވޭ ހާލަތުގައި ކަމަށެވެ.
އިޒްރޭލުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ކޮމާންޑްތަކަށާއި އަސްކަރިއްޔާގެ ވެރިންނަށް ދެމުން ގެންދާ ހަމަލާތަކުގެ ދެ ވަނަ ރޭ 70 އަށް ވުރެ ގިނަ ޖެޓް ބައިވެރިވެގެން 40 އަށް ވުރެ ގިނަ ތަނަށް ހަމަލާ ދީފައިވާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެފްރިން ބުންޏެވެ.
އޭނާ ބުނީ މިއީ ތެހެރާން ކައިރިން އެ ސަރަހައްދުގައި އިޒްރޭލުގެ ޖެޓްތައް ހަރަކާތްތެރިވި ފުރަތަމަ ފަހަރު ކަމަށާއި މިހާރު އެއީ ބޭނުން ގޮތަކަށް އުޅެވެނޭ ސަރަހައްދެއް ކަމަށެވެ.
"އަދި އެއީ މިހާތަނަށް އީރާންގެ އެންމެ އެތެރޭގައި އިޒްރޭލުން ހަރަކާތްތެރިވި ވެސް ފަހަރު،" ޑެފްރިން ބުންޏެވެ.
އީރާނަށް އިޒްރޭލުން ހަމަލާ ދިން ފުރަތަމަ މަރުހަލާގައި ވައިގެ ދިފާއީ ނިޒާމުތައް ހަލާކުކޮށްލާފައި ވާއިރު ޑެފްރިން ބުނީ ތެހެރާންއާ ހިސާބަށް އިޒްރޭލަށް ކޮންޓްރޯލް ލިބުމަކީ ސްޓްރެޓީޖިކް ގޮތުން ހޯދުމުގެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އީރާނަށް އިސްވެ ދިން ހަމަލާގައި ގާތްގަނޑަކަށް 200 އެއްހާ އަސްކަރީ އަދި ނިއުކްލިއާ ފެސިލިޓީތަކަށް ގެއްލުން ދީފައިވެ އެވެ. ޑިއަސްކަރީ މަތީ ފަންތީގެ ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންޓިސްޓުންނާއި އެކި ދާއިރާތަކުގެ އިސް އޮފިޝަލުން ވެސް ވަނީ ހަމަލާތަކުގައި އަވަހާރަކޮށްލައިފަ އެވެ.
އީރާނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ދިން ހަމަލާތަކުގައި 78 މީހުން މަރުވެ 320 މީހުން ޒަހަމްވެފައިވެ އެވެ.
އޭގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށް ގިނަ އަދަދެއްގެ ޑްރޯން އާއި މިސައިލް ފޮނުވައިގެން ހަމަލާ ދީފަ އެވެ. އެ ހަމަލާތަކުގައި ތިން މީހަކު މަރުވެ، 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ، ގިނަ ސިޓީތަކަކަށް ގެއްލުންވެފައިވެ އެވެ. -- އޭއެފްޕީ