20 މާޗް 2017 - 11:17

ގާނާގެ މަޝްހޫރު ވޯޓާފޯލަކަށް ބަޔަކު އެރި ތިއްބާ ވެއްޓުނު ބޮޑު ގަހެއްގެ ސަބަބުން، މަދުވެގެން 20 މީހުން މަރުވެއްޖެ ކަމަށް، އެ ގައުމުން އިއްޔެ ބުނެފި އެވެ.

ކޯރަށް އެރި އެއް ބަޔަކު މަޖާކުރަމުން ދިޔަ އިރު ތޫފާނެއް އޮތީ ލައިގެންފަ އެވެ. އެކަމަކު މި ގޮތަށް ގަހެއް ވެއްޓި އެހާ ގިނަ ބަޔަކު މަރުވުމަކީ އާދަޔާ ޚިލާފު ކަމެކެވެ.
ކުއްލި އެހީ ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުނު މީހުން ބުނާ ގޮތުގައި އެ ގަސް ވެއްޓުނީ ތޫފާނުގެ ވައިގެ ސަބަބުންނެވެ. އޭރު އެތަނުގައި އެތައް ބަޔަކު ގެންދިޔައީ ފަތައި، މަޖާކުރަމުންނެވެ.
މި ހާދިސާ ހިނގި ކިންޓަމްޕޯ ވޯޓާފޯލަކީ ގާނާގައި ވަރަށް މަޝްހޫރު ތަނެކެވެ.
"ވާރޭ ވެހެން ފެށުމާ އެކު ބޮޑު ގަސް ވެއްޓި އެތައް ބަޔަކު އޭގެ ދަށުވި،" މަންޒަރު ދުށް މީހަކު ގާނާގެ ނޫހަކަށް ކިޔައިދިނެވެ.
"އޭގެ ތެރޭގައި ގިނައިން ހިމެނެނީ ވެންޗީ ސީނިއަ ހައި ސްކޫލްގެ ދަރިވަރުން. ދެން އުޅުނީ ޓޫރިސްޓުން. ކީސް ބޭނުންކޮށްގެން ގޮފިތައް ބުރިކޮށް، މީހުން ސަލާމަތްކުރަން އަހަރެމެން މަސައްކަތްކުރިން."
ގާނާގެ ފަޔާ ސާވިސްގެ ތަރުޖަމާނަކު ބުނީ ގަހުން ޖެހިގެން ވަގުތުން 18 ދަރިވަރަކު މަރުވި ކަމަށެވެ. އަނެއް ދެ މީހުން މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށެވެ.
ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ 11 މީހުންގެ ތެރޭގައި ސްކޫލްގެ ދަތުރު ހަމަޖެއްސުމުގައި އިސްކޮށް އުޅުނު އެކަކު ވެސް ހިމެނެ އެވެ.
"މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވަން އަދި ފަރުވާ ހޯދަމުން އަންނަ މީހުންނަށް އަވަސް ޝިފާއަކަށް އެދެން،" ގާނާގެ ޓޫރިޒަމް މިނިސްޓަރު ކެތެރީން އަބެލެމާ އަފެކޫ ވިދާޅުވި އެވެ.