15 ޖޫން 2016 - 11:36

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ބަހުގެ ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން އިއްޔެ ބުނެފި އެވެ.
ބަހުގެ ހިދުމަތް ދޭން ކުރިމަތިލި ހަމައެކަނި ފަރާތް، އެމްޓީސީސީން ބުނިގޮތުގައި އެ ހިދުމަތް ދޭނީ މީހުންނަށް އޭގެ ބޭނުން އެންމެ ބޮޑަށް ހިފޭނެ ގޮތަކަށް ބަލައިގެންނެވެ. އެގޮތުން ބަސް ދަތުރުފަތުރަށް އާންމުން އިތުބާރުކުރާނެ ގޮތަކަށް މެދުކެނޑުމެއް ނެތި އެ ހިދުމަތް ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ލަތީފް ވިދާޅުވީ ބަހުގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ކުރިއަށް ދާ ކަމަށާއި އެގޮތުން ހިދުމަތް ދޭނެ ބަސް ވެސް މިހާރު ހިޔާރުކޮށްފައިވާ ކަމަށެވެ. އެގޮތުން ގެންނާނީ މާލޭގެ މާހައުލާ ގުޅޭނެ ކުދި ބަސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެމްވީކޭން އިން ވެސް ބަހުގެ ހިދުމަތް ދިނެވެ. އެކަމަކު ބަސްތައް ބާވުމާއި ގަޑިއަށް ދަތުރުނުކުރުން ފަދަ ގިނަ މައްސަލަތައް ކުރިމަތިވި އެވެ.
ހުޅުލެ އާއި ހުޅުމާލޭގައި ވެސް ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނީ މާލޭގައި ފަށާ ބަހުގެ ހިދުމަތަށް އާއްމުންގެ އިތުބާރު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
"އެއްވެސް ގައުމެއްގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭއިރު ސީދާ ސުން މިނިޓަށް ނާދެވިދާނެ. ހާއްސަކޮށް މާލެ ކަހަލަ ޓްރެފިކް މައްސަލަ ބޮޑު ތަނެއްގައި ސީދާ ވަގުތަށް ދިޔުމަކީ އުނދަގޫ ކަމަކަށް ވާނެ. އެކަމަކު އަޅުގަނޑުމެން (ފުރަތަމަ ސްޓޮޕުން) ދަތުރު ފަށާނީ ބަރާބަރު ވަގުތަށް،" ލަތީފް ވިދާޅުވި އެވެ.
ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ވެސް ޚާއްސަ ބަސް ދަތުރުތައް ތައާރަފްކުރަން އެމްޓީސީސީން ވަނީ ހަމަޖައްސައިފަ އެވެ.
ބަސް ދަތުރުކުރާނެ ރޫޓާއި އަގުތައް އަދި ކަނޑައެއް ނާޅަ އެވެ.
މާލޭގައި ކުރިން ބަހުގެ ހިދުމަތް ދިނީ މީހެއްގެ އަތުން ފަސް ރުފިޔާ ނަގައިގެންނެވެ.
މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ވެސް އެމްޓީސީސީން ބަހުގެ ހިދުމަތް ދޭން ވަނީ ނިންމާފަ އެވެ.