14 ޖޫން 2025 - 13:51

ރާއްޖޭގައި ޑައިވް، ވޯޓަސްޕޯޓްސް އަދި އެކްސްކާޝަން ދާއިރާގައި އެންމެ ފުޅާކޮށް މަސައްކަތް ކުރަމުން އަންނަ މަޝްހޫރު ސިލްވާ ސޭންޑްސް އަށް 25 އަހަރު ފުރުން ކުލަަދަކޮށް ރޭ ފާހަގަކޮށްފި އެވެ.

ސިލްވާ ސޭންޑްސްގެ ރިހިޔޫބީލް ފާހަގަކުރަން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑިރެކްޓަރުންނާއި އިސްވެރިންނާއި މުވައްޒަފުންނާއި ޕާޓްނަރުން އަދި ކްލަޔަންޓުން ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި އެންމެ ހާއްސަ ކަމަކަށް އޮތީ ސިލްވާ ސޭންޑްގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، އެވޯޑު ދިނެވެ. އެ އެވޯޑު ލިބުނު 14 މުވައްޒަފުންނަކީ އެ ކުންފުންޏަށް 15 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކޮށްފައިވާ މުވައްޒަފުންނެވެ.

ސިލްވާ ސޭންޑްސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ތައުފީގު އަލީ ރޭގެ ރަސްމިއްޔާތުގައި ވަނީ ވަނީ ސިލްވާ ސޭންޑްސްގެ ޓީމަށާއި އެ ކުންފުނީގެ ޕާޓްނަރުންނަށް ޝުކުރު ދަންނަވައިފަ އެވެ. އޭނާ ވިދާޅުވީ، ސިލްވާ ސޭންޑްސްގެ މިއަދުގެ ކާމިޔާބީގެ ފަހަތުގައި އެ ކުންފުނީގެ ކުރީގެ މުވައްޒަފުންނާއި މިހާރުގެ މުވައްޒަފުން ހިމެނޭ ކަމަށެވެ.

ތައުފީގު ވިދާޅުވިގޮތުގައި، އޭނާ އެކަނި އުފެއްދެވި ސިލްވާ ސޭންޑްސްގެ މަސައްކަތްތައް ފުޅާވެ، މިހާރު އެ ކުންފުނީގައި 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނޭކަން ފާހަގަކުރައްވައި، ސިލްވާ ސޭންޑްސްއަކީ ކެރިއާ ބިނާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފުޅާ ދާއިރާއެއްގައި ދޭ ކުންފުންޏެއްގެ ގޮތުގައި އެމްޑީ ތައުފީގު ސިފަކުރެއްވި އެވެ.
"އަޅުގަނޑުމެން ދިވެހިން ބާރުވެރި ކުރުވައި ދިވެހިންގެ ހުނަރު ތަރައްގީ ކުރަން ވަރަށް ބޮޑަށް އިސްކަން ދެން. މިއީ އަޅުގަނޑު ވަރަށް ފަހުރުވެރިކަމާ އެކު ފާހަގަކުރާ ކަމެއް. އެންޓްރީ ލެވެލްއިން ފެށިގެން މެނޭޖްމަންޓް ލެވެލްއާ ހަމައަށް ފޯރުކޮށްދިނުމަށް ދޭން ޖެހޭ ފުރުސަތުތައް އަބަދުވެސް ފަހިކޮށްދީ، އެ ކަމަށް ދޭން ޖެހޭ އެހީތެރިކަން ދެން،" އޭނާ ވިދާޅިވި އެވެ.
ތައުފީގު ވިދާޅުވީ ތަމްރީނުތައް ދިނުމުގައި އެކި ގޮންޖެހުންތައް ދިމާވި ނަމަވެސް ޑައިވިން އާއި ވޯޓާ ސްޕޯޓްސް އަދި މެރިޓައިމް އޮޕަރޭޝަން ފަދަ ދާއިރާތަކުން ދިވެހިންނަށް ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގިނަ ތަމްރީނުތަކެއް ދީފައި ވާނެ ކަމަށެވެ. އަދި އެ ތަމްރީނުތަކަކީ ކުރެވޭ އިންވެސްޓެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ވަރަށް އާދައިގެ ގޮތަކަށް ޖޫން 7، 2000 ގައި އުފެއްދި ސިލްވާ ސޭންޑްސް ކުންފުންޏަކީ ޑައިވިން، ވޯޓާ ސްޕޯޓްސް އަދި އެކްސްކާޝަން ދާއިރާގައި ރާއްޖޭގެ އެންމެ މަގުބޫލު އެއް ކުންފުންޏެވެ. އެ ކުންފުންޏަށް 25 އަހަރު ފުރުން ފާހަގަކުރާއިރު 15 ރިސޯޓެއްގައި 13 ޑައިވް އަދި ވޯޓާ ސްޕޯޓްސް ސެންޓަރު މިހާރު ހިންގަ އެވެ. އަދި ސިލްވާ ސޭންޑްސްގެ "ޓޯޓަލް ސޮލިއުޝަންސް" ކޮންސެޕްޓްގެ ދަށުން އެ ދާއިރާއަށް ބޭނުންވާ އެކި ހިދުމަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ.
ސިލްވާ ސޭންޑްސް އަކީ ރާއްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމުގައި އިސްދައުރެއް އަދާކުރި ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ރާއްޖެ އަށް ޒިޔާރަތްކުރި އެތައް ޓޫރިސްޓުންނަކަށް ކަނޑުއަޑީގެ މަންޒަރުތައް ދައްކައިދީފަ އެވެ. އަދި އެ މަސައްކަތުގައި ބައިވެރިވާ ގިނަ މީހުންނަކީ އެކި ބަސްތަކަށް ފަރިތަ ޕްރެފެޝަނަލުންނެވެ. އެ މީހުންގެ އެހީއާ އެކު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދީ، ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ.
ސިލްވާ ސޭންޑްސް އިން އަމާޒު ހިފާފައި ވަނީ އެ ކުންފުނިން ދޭ ހިދުމަތްތައް އާ ޓެކްނޮލަޖީގެ އެހީގައި މިހާރަށް ވުރެ ފުރިހަމަކޮށް، ޓޫރިސްޓުންނަށް އާ ތަޖުރިބާތަކެއް ގެނެސްދިނުމަށެވެ. އަދި އެ ކުންފުނީގެ މަސައްކަތްތަކުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް މަސައްކަތް ބައްޓަން ކުރުމަކީ ބޮޑު އަޒުމެކެވެ.
ސިލްވާ ސޭންޑްސް އަކީ ޑައިވް އެންޑް ވޯޓާ ސްޕޯޓްސް އެޑްވެންޗާ އަދި ރިސޯޓު ކޮލަބޮރޭޝަނަށް އެއް ތަނަކުން ހުރިހާ ހައްލެއް ހޯދޭނެ ކުންފުންޏެކެވެ.
އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރޭގައި ރީޓެއިލް އަދި އިކުއިޕްމަންޓް ވިޔަފާރީގެ ބައި ކަމުގައިވާ ސީ ގިއާ އަދި ފެންފަރު ރަނގުޅު ފަރުނީޗަރު، ފްލޯރިން ޕްރޮޑަކްޓްތައް ޑިސްޓްރިބިއުޓް ކުރުމަށް މަޝްހޫރު އީވޯ ހިމެނެ އެވެ.