އީރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް، އެތައް ބަޔަކަށް އަނިޔާވެއްޖެ
އީރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް، އެތައް ބަޔަކަށް އަނިޔާވެއްޖެ

އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން މިރޭ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް ދީފި އެވެ.

އިޒްރޭލުން ރޭ ފަތިހު ދިން މިސައިލް ހަމަލާތަކުގައި އީރާންގެ ސިފައިންގެ އިސްވެރިންތަކެއް ވަނީ އަވަހާރަވެ، އާންމުންގެ ތެރެއިން ވެސް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އީރާންގެ ނިއުކްލިއާ ބައެއް މަރުކަޒުތަކަށް ވެސް އިޒްރޭލުން ހަމަލާދިނެވެ.

އެ ހަމަލާތަކުގެ ރައްދުގައި އީރާނުން މިރޭ ދޭން ފެށި މިސަައިލް ހަމަލާތަކުގައި އިޒްރޭލްގެ ތެލްއަވީވަށް އެކިވަރުގެ ގެއްލުންތައް ލިބި އަދި ބައެއް މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެގޮތުން މިހާތަނަށް އިޒްރޭލްގެ 40 ވަރަކަށް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ ނަމުގައި އީރާނުން މިރޭ ދޭން ފެށި އެ ހަމަލާތަކުގައި އިޒްރޭލްގެ ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އެ ހަމަލާ ދިނުމުގައި އީރާނުން ބޭނުންކުރީ ދުރު ރާސްތާގެ މިސައިލްތަކެކެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް އިޒްރޭލްގެ އެއާ ޑިފެންސް ސިސްޓަމް ކަމަށްވާ އަޔަން ޑޯމްއިން އިންޓަސެޕްޓްކޮށް، ވައްޓާލި ނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް މިސައިލް ހަމަލާތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ތެލްއަވީވްގެ ބައެއް އިމާރާތްތަކަށް ހަމަލާތައް އަމާޒުވާ މަންޒަރުތައް ވެސް ވަނީ އާންމުވެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި އިޒްރޭލަށް އީރާނުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

އީރާންގެ އިތުރު ހަމަލާތަކެއް އަނެއްކާވެސް އައިސްދާނެ ކަމަށް ބެލެވޭތީ، އިޒްރޭލްގެ އެކި ސަރަހައްދުތަކުގައި އާންމުން ބޭރަށް ނުނިކުތުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

އެ ހަމަލާތަކާ ގުޅިގެން ރައްދުގައި އަނެއްކާވެސް ހަމަލާތައް ދޭނެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިރޭ ވަނީ ބުނެފަ އެވެ.

އެ ހަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް މިހާރު ދަނީ ހިނގަމުންނެވެ.