13 ޖޫން 2025 - 21:53

މާލޭގެ ފިހާރައެއް ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓާ އެތަނުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ މިއަދު ވައްކަންކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ފިހާރައިން ވައްކަންކޮށްފައި ވަނީ ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓާ އެތަނުގެ ޓިނު ނަގައިގެން ވަދެ ކަމަށާއި އެ ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، ވަގަށް ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ އެ ކުޑަ ފިހާރައަކީ 24 ގަޑިއިރު ހިދުމަތް ދޭ ތަނެކެވެ. އެތަން ބަންދުކުރަނީ ހުކުރު ވަގުތަށް އެކަންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.