13 ޖޫން 2025 - 16:43

އިޒްރޭލުން އީރާނަށް ދިން ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުށްވެރިކުރައްވައިފި އެވެ.

އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތައް ކަމަށެވެ.
އެހެންވެ، އެ ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އީރާންގެ އަސްކަރީ މަރުކަޒުތަކަށް އިޒްރޭލުން ވަނީ ރޭ ފަތުހު ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދިނީ އިޒްރޭލުގެ ޖެޓްތަކުން ކަމަށާއި އަސްކަރީ އެކި ތަންތަނަށް ދިން ހަމަލާތަކުގެ ތެރޭގައި، އީރާނުން އެ ގައުމުގެ އެހެން ސަރަހައްދެއްގައި ހިންގާ ނިއުކްލިއާ ޕްރޮގްރާމަކާ ގުޅޭ ތަންތަން ވެސް ހިމެނޭ ކަމަށެވެ.
އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ އާންމުންގެ އިމާރާތަކަށް ހަމަލާ ދިނުމުގެ ސަބަބުން ބަޔަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ހަމަލާދޭން ފަށައިފަ އެވެ. މިހާތަނަށް އީރާނުން 100 ވަރަކަށް ޑްރޯން އިޒްރޭލަށް އަމާޒުކޮށް ފޮނުވާފައިވެ އެވެ.