13 ޖޫން 2025 - 10:53

އީރާންގެ އެކި ތަންތަނަށް އިޒްރޭލުން ރޭ ފަތިހު ހަމަލާތައް ދޭން ފެށުމަށް ފަހު އަދިވެސް ނުހުއްޓާ ކުރިއަށް ގެންދާ ކަމަށް ބުނެފައި ވާއިރު އީރާނުން 100 ވަރަކަށް ޑްރޯން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލައިފި އެވެ.
"އީރާނުގެ އެކި ސަރަހައްދުތަކުގައި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި އަސްކަރީ އަމާޒުތަކަށް އަހަރެމެންގެ ޕައިލެޓުން އަދިވެސް ހަމަލާ ދެމުން އެބަ ދޭ،" އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އެފީ ޑެފްރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.
ހަމަލާތައް ކުރިއަށް ދާއިރު އިޒްރޭލުން ބުނީ 100 ވަރަކަށް ޑްރޯން އިޒްރޭލާ ދިމާލަށް އީރާނުން ފޮނުވާލާފައިވާ ކަމަށާއި އެ ޑްރޯންތައް އިންޓަސެޕްޓުކޮށް ވައްޓާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އަނެއްކޮޅުން އީރާނުން ބުނި ގޮތުގައި ނިއުކްލިއާ ފެސިލިޓީތަކަށް އިޒްރޭލުން ދިން ހަމަލާތަކަށް ފަހު ރޭޑިއޭޝަން ލީކުވުން ފަދަ އެއްވެސް ކަމެއްގެ ނިޝާނެއް އަދި ނުފެނެ އެވެ.
އީރާނުގެ މެދުތެރޭ އިސްފަހާން ޕްރޮވިންސް އަދި ނިއުކްލިއާ ފެސިލިޓީ އެއް އޮންނަ ނަތާންޒަށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، އެ ތަނުން ގަދަ ދުން އަރަމުންދާ ކަމަށް އީރާންގެ މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.
އިޒްރޭގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ހަމަލާދިނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ "ހިތަށް" ކަމަށެވެ. އީރާނަކީ އިޒްރޭލު ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށާއި އެ ނުރައްކާ ނައްތާލެވެންދެން، ކުރިއަށް އޮތް އެތައް ދުވަހަކަށް މި ހަމަލާތައް ކުރިއަށް ދާނެ ކަމަށް ވެސް ބުންޏެވެ.
އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން މި ހަމަލާގައި އަވަހާރަ ވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. މި ހަމަލާގެ އެއް އަމާޒަކީ އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ކަމަށް އަޑު ފެތުރިފައި ވިޔަސް މިކަމާ ގުޅޭ ގޮތުން އިޒްރޭލުން މީޑިއާއާ ވާހަކައެއް ނުދެއްކި އެވެ.
އިޒްރޭލުން ބުނި ގޮތުގައި އީރާނަށް ހަމަލާ ދިނުމުގައި 200 ޖެޓް ބައިވެރިވި އެވެ. އަދި 330 އަށް ވުރެ ގިނަ ހަމަލާ ފޮނުވާލި ކަމަށް ވެސް ބުނެފައިވެ އެވެ.