12 ޖޫން 2025 - 19:04

ރާއްޖޭގައި ހިންގާ ސަރުކާރު ހުރިހާ ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކޮށް އެއިން ސްކޫލްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި 217 ސްކޫލެއްގައި މިހާރު ކިޔަވައިދެމުން އަންނައިރު ބައެއް ސްކޫލުތަކުގައި ބައެއް ކަންކަމަށް ކަރަންޓު ބޭނުންކުރަނީ ސޯލާއިންނެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓެއް ފެނަކައާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ސޯލާއިން ކަރަންޓު ދިނުން ކަމަށެވެ.
ސަރުކާރު ހުރިހާ ސްކޫލެއްގެ 3،700 އަށްވުރެ ގިނަ ކްލާސްރޫމު މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ފިނިކުރަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓު އެއްކޮށް ނިމުމުން ކަރަންޓު ބިލު ވެސް ބޮޑުވާނެ ކަމަށެވެ.
"އެހެންވީމަ ދެމެހެއްޓެނިވި ގޮތެއްގައި އަދި ހާއްސަކޮށް ސަރުކާރުން ފައްޓާފައިވާ ގްރީން އެނާޖީގެ ކޮންސެޕްޓުގެ ތެރެއިން، ސްކޫލަށް ބޭނުންވާ ހަކަތަ ވެސް ކޮންމެހެން އޭސީއަށް ބޭނުންވާ ހަކަތަ އެކަންޏެއް ނޫން، މުޅި ސްކޫލުގެ 100 ޕަސެންޓު ހަކަތަ ސޯލާއިން ނެގުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން،" އިސްމާއިލް ވިދާޅުވި އެވެ.
މިހާރު ވެސް 53 ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށާއި އެންވަޔަރްމަންޓް މިނިސްޓްރީން އިތުރު ސްކޫލުތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު އެ ސްކޫލްތަުގެ ކަރަންޓަށް ކުރާ ހަރަދަށް 38 ޕަސެންޓު އިތުރުވެ އެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ ކަމަށް ހަދާނެ ކަމަށް މިނިސްޓަރު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.