12 ޖޫން 2025 - 06:26

ކަނޑުމަގުން ފަލަސްތީނުގެ ޣައްޒާއަށް ދިޔަ އެކްޓިިވިސްޓުންގެ އެހީގެ އުޅަނދު ހުއްޓުވާފައި ވަނިކޮށް އެއްގަމު މަގުން އެތައް ސަތޭކަ އެކްޓިވިސްޓުންނަކާ އެކު ދަތުރު ފެށި ގާފިލާ ޣައްޒާއާ ކައިރިވާން ފެށުމުން އިޒްރޭލުން އިންޒާރު ދީފި އެވެ.

"ޞަމޫދު" ނުވަތަ ސާބިތުކަމުގެ ގާފިލާގެ ހޯމަ ދުވަހު ތޫނިސް އިން ބަސްތަކާއި ކާރުތަކުގައި ދަތުރު ފަށައި މިހާރު ވަނީ ލީބިޔާއަށް ވަދެފަ އެވެ. އިޒްރޭލުން ޣައްޒާ ހިސާރުކޮށްފައި އޮތުން ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގައި ބައިވެރިވާ މި އެކްޓިވިސްޓުން ބުނެފައިވަނީ ލީބިއާ މަގުން މިސްރަށް ވަދެ ޣައްޒާއަށް ދާން މަސައްކަތްކުރާނެ ކަމަށާއި އެކަމަކު އަދި ހުއްދަތައް ނުލިބޭ ކަމަށެވެ.
މި ގާފިލާ ލީބިއާއަށް ދިއުމާ އެކު އެތައް ސަތޭކަ ބަޔަކު ނުކުމެ ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި އިތުރު އެކްޓިވިސްޓުން ގާފިލާއާ ގުޅޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ގާފިލާ ކުރިއަށް ޖެހެމުން ދާއިރު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ވަނީ އެ މީހުން ޣައްޒާއަށް ވަންނަން ފުރުސަތު ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އަދި މި ގާފިލާ މިސްރުން ހުއްޓުވަން ވެސް ގޮވާލި އެވެ.
މި ގާފިލާގައި ތިބީ "ހަޅުތާލުކުރާ ޖިހާދީން" ކަމަށް ސިފަކޮށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރުގެ ބަޔާނުގައި ބުނީ އެ މީހުން ޣައްޒާއަށް ވަންނަން މަސައްކަތްކޮށްފި ނަމަ އިޒްރޭލު ސިފައިންނަށް ނުރައްކާވާނެ ކަމަށެވެ. އެހެންވެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ބުންޏެވެ.
އިޒްރޭލުން މި ހަފްތާގައި ވަނީ ފްރީޑަމް ފްލޮޓީލާ އިން ޣައްޒާއަށް އެހީގެ ސާމާނާ އެކު ފޮނުވި ޔޮޓް އޭގައި ތިބި 12 އެކްޓިވިސްޓުންނާ އެކު ހިފަހައްޓައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް އެކްޓިވިސްޓުން ވަނީ ޑީޕޯޓްކޮށްލައިފަ އެވެ.
ޞަމޫދު ގާފިލާ އިންތިޒާމްކުރާ މީހުން ބުނީ 12 ވަރަކަށް ބަހާއި އެކި ބާވަތުގެ 100 ވަރަކަށް ވެހިކަލް ގާފިލާގައި ހިމެނޭ ކަމަށެވެ. އަދި ދަތުރު ކުރިއަށްދާ ވަރަކަށް ގާފިލާގެ ބައިވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ބުންޏެވެ.
އެކަމަކު ލީބިއާގެ ޓްރިޕޮލީގައި މިހާރު އޮތް ގާފިލާއަށް މިސްރަށް ވަދެވިދާނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އެއީ ޓްރިޕޮލީއާ ހިލާފަށް، އެ ގައުމުގެ އެކި ހިސާބުތަކުގައި ވެރިކަންކުރަނީ އެކި ފިކުރުގެ އެކި އިދާރީ ސަރުކާރުތަކުން ކަމަށް ވާތީ އެވެ.
ގާފިލާގެ ތަރުޖަމާނު ޣައްސާން ހެންޝިރީ ބުނީ ދަތުރުކުރުމުގެ ހުއްދަ ހޯދަން މިސްރުގެ ކަމާބެހޭ ފަރާތްތަކާ އެކު މިހާރުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުން ގެންދާތާ 20 މަސް ދުވަސް ވެފައި ވާއިރު އެންމެ ބޮޑު ޕްރެޝަރެއް މިހާރު އޮތީ ޣައްޒާ ހިސާރުކޮށް އާންމުން ބަނޑަށް ޖައްސާތީ އެވެ. އިޒްރޭލާއި އެމެރިކާގެ ކޮންޓްރޯލް އޮންނަ ޖަމިއްޔާއަކުން މިހާރު އެހީގެ ސާމާނު ބެހި ނަމަވެސް އެކަމުގެ އިންތިޒާމްތައް ހުރި ގޮތުން ހަމަނުޖެހުން އުފެދި ކޮންމެ ދުވަހަކުހެން ދަނީ މީހުން މަރުވަމުންނެވެ.