20 މާޗް 2017 - 10:21

އިސްލާމީ މަރުކަޒު ސަރަހައްދުގައި ރެނދުލި ތަށިމުށިތައް ނަގައި، އާ މާބްލް ޖަހައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޑިޒައިން ހަދާފައި ހުރި ސަރަހައްދުގައި މޮޅު މާބްލް ޖަހައި ނިންމާފައިވާ ކަމަށެވެ.
އެ ތަނުގައި މާބްލް ޖެހުމުގެ މަސައްކަތް ކުރީ ވެސް މިނިސްޓްރީގެ މުވައްޒަފުންނެވެ.
މިނިސްޓަރު ޑރ. މުއިއްޒު ކުރިން ވިދާޅުވީ އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖެހީ މިނިސްޓްރީން ބޭނުންވި ފެންވަރުގެ މާބްލް އެއް ނޫން ކަމަށެވެ. އެހެންވެ އެ އެއްޗެހި ފޯރުކޮށްދިން ކުންފުންޏަށް އެކަން އަންގައި ސަރުކާރުން އެއްވެސް ހަރަދެއް ނުކޮށް، މައްސަލަ ހައްލުކުރާނެ ކަމަށް މުއިއްޒު ކުރިން ވިދާޅުވެފައި ވެ އެވެ.
އެ މަޝްރޫއަށް ޗައިނާއިން ގާތްގަނޑަކަށް 1.14 މިލިއަން ޑޮލަރުގެ މާބްލް ދިނެވެ. އެކަމަށް ސަރުކާރުން ހޭދަކުރީ ތިން މިލިއަން ރުފިޔާ އެވެ.
މާބްލް ޖަހައި އެ ތަން ބޭނުންކުރަން ފެށީ މިދިޔަ ރޯދަ މަހު އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ، އެ އެއްޗެހިތަކުގައި ރެނދުލައި ތަޅައިގެން ދިއުމުން، ގިނަ ބައެއްްގެ ފާޑުކިޔުން މިނިސްޓްރީ އަށް އަމާޒުވި އެވެ.
މާބްލް ޖެހި ސަރަހައްދުގައި ހިޔާވާން ކުޑަތަކެއް ޖަހަން ވެސް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތަށް ބޮޑު ހަރަދެއް ދާތީ މިހާރު ދަނީ، އެކަމަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު މިނިސްޓަރު ވިދާޅުވި އެވެ.