11 ޖޫން 2025 - 15:44

ސްރީ ލަންކާއަށް ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެހީ ދިނުމުގައި ކުރި ޝަރުތުތަކާ އެއްގޮތަށް، ކަރަންޓުގެ ހިދުމަތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަރަންޓުގެ އަގު 15 ޕަސެންޓަށް ބޮޑުކޮށް އެކަން މިއަދު އިއުލާނުކޮށްފި އެވެ.
ޕަބްލިކް ޔުޓިލިޓީސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އަށް މިހާރު ވަނީ ބޮޑުކުރި އަގުގައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބިލްކުރުމުގެ ހުއްދަ ދީފައި ކަމަށެވެ.
ދައުލަތުގެ ބަޖެޓަށް ނޭދެވޭ އަސަރުކުރާނެ ކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް، މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ވަނީ ސީއީބީގެ އަގުތައް 20 ޕަސެންޓް ކުޑަކޮށްފަ އެވެ.
ހަރަދު ކުޑަކޮށް ސަބްސިޑީތައް އުވާލުމަކީ ސްރީ ލަންކާގެ އިގްތިސާދީ ހީނަރުކަން ނައްތާލުމުގައި ހަތަރު އަހަރުގެ ޕްލޭނެއްގެ ދަށުން 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ދިން އައިއެމްއެފްގެ ޝަރުތެކެވެ.
ލަންކާ ބަނގުރޫޓުވިކަން އިއުލާނުކުރީ 46 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ބޭރު ފައިސާ ނެތި އަދި އަސާސީ ސާމާނު އިމްޕޯޓްކުރާނެ ފައިސާ ވެސް ނުލިބޭ ހިސާބަށް ދިއުމުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.
އޭގެ ފަހުން އާންމުން މަގުތަކަށް ނުކުމެ ފެށި މުޒާހަރާތަކާ އެކު އޭރުގެ ރައީސް ގޮޓާބެ ރާޖަޕަކްސަ އިސްތިއުފާ ދޭން މަޖުބޫރުވި އެވެ. އަދި ބޮޑެތި ހަމަނުޖެހުންތައް މުޅި ގައުމުގައި ހިނގި އެވެ.
އައިއެމްއެފްގެ ބެއިލްއައުޓް ހޯއްދެވީ ގޮޓާބެ އަށް ފަހު، މަޖިލީހުން ރައީސްކަމަށް އިންތިހާބުކުރި ރަނިލް ވިކްރެމަސިންހަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ރަނިލްގެ މައްޗަށް ކުރި ހޯއްދެވީ އައިއެމްއެފްގެ ޝަރުތުތައް ބަދަލުކުރާނެ ކަމަށާއި އަލުން މަޝްވަރާކޮށް ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދޭނެ ކަމަށް ވައުދުވެ ވަޑައިގަތް މިހާރުގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ އެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމަށް ފަހު އޭނާ ވަނީ އައިއެމްއެފްގެ ޝަރުތުތަކާ އެކު ކުރިއަށް ވަޑައިގަތުމަށް ނިންމަވައިފަ އެވެ.
ލަންކާގައި އިގްތިސާދީ ހާލަތު އެންމެ ގޯސްވި 2022 ވަނަ އަހަރު ވަނީ އިންފްލޭޝަން 70 ޕަސެންޓަށް އަރައިގެން ދިޔަ ނަމަވެސް މިހާރު ވަނީ ހަލުވިކަމާ އެކު ދަށްވަމުންނެވެ.
އައިއެމްއެފުން ބުނެފައިވަނީ ލަންކާގެ އިގްތިސާދީ ހާލަތު މިހާރު ރަނގަޅު މިސްރާބަށް ބަދަލުވެފައިވާ ކަމަށާއި ކުރިމަތިވި ހީނަރުކަމުން މިހާރު އަރައިގަނެވެމުން އަންނަ ކަމަށެވެ. -- އޭއެފްޕީ