ކުރީގެ މެންބަރު ރަޝީދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް
ކުރީގެ މެންބަރު ރަޝީދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި އެއް މިނެޓްގެ ސުކޫތެއް ގެނެސްފި އެވެ.

ރަޝީދު އިއްޔެ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމްއެޗްގަ އެވެ. އެ ބައްޔަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެ އެވެ.

އޭނާގެ ހަނދާނުގައި މިއަދު ހެނދުނު މަޖިލީހުގައި އެއް މިނެޓްގެ ސުކޫތެއް ގެނެސްފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގައްދޫ ދާއިރާގެ މެންބަރުކަމުގައި އަހުމަދު ރަޝީދަކީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އަހުމަދު ރަޝީދަކީ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް މެންބަރެކެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އެވެ. އެ މަޖިލީހުގެ ދައުރުގައި މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީ ފަދަ މުހިންމު ކޮމިޓީތަކުގައި ވެސް ރަޝީދު މަސައްކަތް ކުރެއްވި އެވެ.

ރަޝީދުގެ މަރާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ރަޝީދަކީ ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް އެކުގައި ކުރެއްވި ލޮބުވެތި އަޚެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވީ ރަޝީދަކީ އެކުގައި މަސައްކަތްކުރަން ފަސޭހަ އަދި މީހުންނާ ގުޅިގެން މަސައްކަތް ކުރެއްވުމުގައި ވަރަށް ފާހަގަ ކުރެއްވޭ ބޭފުޅެއް ކަމަށެވެ.