11 ޖޫން 2025 - 09:21

އިނގިރޭސި މިޑްފީލްޑަރު ޖޫޑެ ބެލިންހަމްގެ ކޮއްކޮ، ޖޯބެ ބެލިންހަމް، ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ސޮއި ކޮށްފި އެވެ.

ބާމިންހަމް ސިޓީން ކެރިއަރު ފަށައި ފާއިތުވި ދެ ސީޒަންގައި ޖޯބެ، 19، ކުޅުނީ ސަންޑަލެންޑަށެވެ. މިދިޔަ ސީޒަންގެ އިނގިރޭސި ޗެމްޕިއަންޝިޕް ޕްލޭއޮފް ކާމިޔާބުކޮށް ޕްރިމިއާ ލީގަށް ކޮލިފައިވި ސަންޑަލެންޑްގެ މި ކުޅުންތެރިޔާއަށް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަކުން ޝައުގުވެރިވި ނަމަވެސް އޭނާ މި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޑޯޓްމަންޑަށް ސޮއި ކޮށްފަ އެވެ.
ޖޯބެ ބެލިންހަމް ޑޯޓްމަންޑަށް ބަދަލުވީ 27.8 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ އަށް ވަނީ ޖަރުމަން ލީގުގައި ކުޅޭ އެއިންޓްރަކް ޕްރޭންކްފާޓުން ވެސް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ.
ދެ ސީޒަނުން އޭނާ ވަނީ ސަންޑަލޭންޑަށް 90 މެޗު ކުޅެދީ، 11 ގޯލު ޖަހައިދީފަ އެވެ. އަދި ބާމިންހަމް އަށް 26 މެޗު ކުޅެދިން މިޑްފީލްޑަރު އަންނަނީ އުމުރުފުރާގެ ގައުމީ ޓީމުތަކަށް ވެސް ކުޅެމުންނެވެ.
ޑޯޓްމަންޑަށް ބަދަލުވުމާ އެކު ޖޯބެ އަށް މި ވަނީ ކްލަބް ވޯލްޑް ކަޕްގައި ޑޯޓްމަންޑްގެ ޓީމުން ފުރުސަތު ލިބިފަ އެވެ. އޭނާ މުބާރާތުގައި ބޭނުން ކުރާނީ 77 ނަމްބަރު ޖޯޒީ ކަން ޑޯޓްމަންޑުން ވަނީ ހާމަ ކޮށްފަ އެވެ.
ޖޫޑެ ވެސް ކެރިއަރު ފެށީ ބާމިންހަމުންނެވެ. އުމުރުން 16 އަހަރުގައި ކުޅެން ފަށައި ފުރަތަމަ ސީޒަންގައި ވިދާލި ކުޅުންތެރިޔާ ވަނީ 25 މިލިއަން ޕައުންޑްގެ ރެކޯޑް އަގަކަށް އުމުރުން 17 އަހަރުގައި ޑޯޓްމަންޑަށް ބަދަލުވެފަ އެވެ.
ޑޯޓްމަންޑުން އުންމީދު ކުރަނީ ޖޫޑެ ބެލިންހަމް 2023 ވަނަ އަހަރު ކްލަބްގައި ދެއްކި ކުޅުން، އޭނާގެ ކޮއްކޮ ތަކުރާރު ކުރުމެވެ. އެ ސީޒަންގެ ބުންޑެސްލިގާ ތަށި ޑޯޓްމަންޑަށް ގެއްލުނީ ފަހު މެޗުން މޮޅު ނުވެވުމުންނެވެ. އަނިޔާގެ ސަބަބުން ބެލިންހަމް އަށް އެ މެޗުގައި ނުކުޅެވުނެވެ. ޖެހިގެން އައި ސީޒަނުގައި އޭނާ ރެއާލް މެޑްރިޑަށް ބަދަލުވީ 103 މިލިއަން ޔޫރޯއަށެެވެ.