ކުރީގެ މެންބަރު އަހުމަދު ރަޝީދު އަވަހާރަވެއްޖެ
ކުރީގެ މެންބަރު އަހުމަދު ރަޝީދު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު މިއަދު އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ރަޝީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމްއެޗްގަ އެވެ. އެ ބައްޔަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެ އެވެ.

ރަޝީދުގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދުގެ މަޣުރިބު ނަމާދަށް ފަހު އެވެ.

އަހުމަދު ރަޝީދަކީ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް މެންބަރެކެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އެވެ. އެ މަޖިލީހުގެ ދައުރުގައި މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީ ފަދަ މުހިންމު ކޮމިޓީތަކުގައި ވެސް ރަޝީދު މަސައްކަތް ކުރެއްވި އެވެ.

ރަޝީދުގެ މަރާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ރަޝީދަކީ ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް އެކުގައި ކުރެއްވި ލޮބުވެތި އަޚެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރަޝީދަކީ އެކުގައި މަސައްކަތްކުރަން ފަސޭހަ އަދި މީހުންނާ ގުޅިގެން މަސައްކަތް ކުރެއްވުމުގައި ވަރަށް ފާހަގަ ކުރެއްވޭ ބޭފުޅެއް ކަމަށެވެ.