"ހައުސްފުލް 5"އަށް ހަތަރު ދުވަސް ތެރޭގައި ބޮޑު އާމްދަނީއެއް ލިބިއްޖެ
"ހައުސްފުލް 5"އަށް ހަތަރު ދުވަސް ތެރޭގައި ބޮޑު އާމްދަނީއެއް ލިބިއްޖެ

ބޮލީވުޑްގެ ބްލޮކްބާސްޓާ ކޮމެޑީ ފްރެންޗައިޒެއް ކަމަށްވާ "ހައުސްފުލް" ގެ ފަސްވަނަ ފިލްމަށް ރިލީޒްކުރިތާ ހަތަރު ދުވަސް ތެރޭގައި ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި އެ ފިލްމަށް އެންމެ ހަތަރު ދުވަހުގެ ތެރޭގައި ވަނީ 100 ކްރޯޑް ރުޕީސް (179.8 މިލިއަން ރުފިޔާ) ލިބިފަ އެވެ.

ބޮޑު ސްޓާ ކާސްޓެއް ހިމެނޭ "ހައުސްފުލް 5" އަކީ 225 ކްރޯޑް ރުޕީސް ((404.6 މިލިއަން ރުފިޔާ)ގެ ބޮޑު ބަޖެޓަކުން ހެދި ފިލްމެކެވެ.

"ހައުސްފުލް"ގެ ކުރިން ނެރެފައިވާ ފިލްމުތަކުގެ އެކި ބައިތަކުން ފެނިފައި ވަނީ އެކި ތަރިންނެވެ. އެކަމަކު ފުރަތަމަ ފިލްމުން ފެށިގެން ހަތަރު ވަނަ ފިލްމާ ހަމައަށް ވެސް ބަދަލުނުވި ތަރިންނަކީ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް އެވެ. އެކަމަކު މިފަހަރު ޕްރޮޑިއުސަރު ސާޖިދު ނަޑިއާވާލާގެ ވިސްނުމުގެ ދަށުން ވަނީ އެ ހުރިހާ ފިލްމެއްގައި އުޅުނު ތަރިން ކާސްޓުގައި ހިމަނައިފަ އެވެ.

"ހައުސްފުލް"ގެ ދެވަނަ ބައިގައި ޖޯން އަބްރަހަމް އަދި ތިން ވަނަ ބައިގައި އަބީޝޭކް ބައްޗަން އުޅުނުއިރު، ހަތަރުވަނަ ބައިގައި އުޅުނީ ބޮބީ ޑިއޯލް އެވެ. އެ ހުރިހާ ތަރިން ވެސް "ހައުސްފުލް 5"ގައި އުޅެ އެވެ.

"ހައުސްފުލް"ގެ ފުރަތަމަ ފިލްމު 2010 ގައި ގެނެސްދިން އިރު، އެ ފިލްމުގައި އަކްޝޭ އާއި ރިތޭޝްއާ އެކު ދެން ފެނުނީ ލާރާ ދައްތާ އާއި ދީޕިކާ ޕަޑުކޯނެވެ. އަދި ފިލްމުގެ ދެވަނަ ބައި 2012 ގައި އަދި ތިން ވަނަ ބައި 2016 ގައި ރިލީޒްކުރި އެވެ. އަދި ހަތަރު ވަނަ ބައި ނެރުނީ 2019 ގަ އެވެ.