20 މާޗް 2017 - 08:42

މެންޗެސްޓާ (މާޗް 20) – ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާ 1-1 އިން އެއްވަރުވި މެޗުގައި މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ދެއްކި ކުޅުމާ އެކު އިއްޔެ ވެގެންގޮސްފައިވަނީ އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ އެއް ދުވަހަށް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބާސެލޯނާ އާއި ބަޔާން މިއުނިކާ އެކު ޖުމްލަ ހަ ފަހަރު ލީގު ޗެމްޕިއަން, ދެ ފަހަރު ޗެމްޕިއަންސް ލީގު އަދި ހަތަރު ފަހަރު ކަޕް ޗެމްޕިއަންކަން ހޯދާފައިވާ ގާޑިއޯލާ ބުނީ، އިއްޔެގެ މެޗުގައި އެފަދަ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ.
"މޮނާކޯ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓުމުގެ މާޔޫސްކަމުގެ މައްޗަށް ކުޅުންތެރިން ގަދަވެގަތް ގަތުން ފެނިފައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ވަރަށް ފަހުރުވެރިވޭ ކުޅުންތެރިންނާ މެދު. މިއީ އަހަރެންގެ ހަޔާތުގެ އެންމެ ހާއްސަ އެއް ދުވަސް،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގުން ކެޓުމުން އެންމެން ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި އޭގެ ފަހުން މި މެޗާ ހަމަޔަށް ހޭދަކުރީ ވަރަށް އުނދަގޫ ދެ ދުވަސް ކަމަށެވެ.
"ލިވަޕޫލަށް ލިބުނު މުޅި ހަފުތާ ތައްޔާރުވާން. އަނެއްކާ ލިވަޕޫލަކީ ފަހު މިނެޓާ ހަމަޔަށް މަސައްކަތްކުރާ ޓީމެއް. އެހެންވެ އަހަރެން އުފާވަނީ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 51 ވަނަ މިނެޓުގައި ޖޭމްސް މިލްނާގެ ޕެނަލްޓީއަކުން ލިވަޕޫލް ވަނީ ލީޑު ނަގައިފަ އެވެ. މިއީ ރޮބާޓޯ ފިރްމީނީއޯ އަށް ސިޓީގެ ގައެލް ކްލިޝީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ސިޓީ އަށް އެއްވަރުކޮށްދިނީ 69 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ އެވެ. ކެވިން ޑި ބްރޭނާ ތިރިތިރިން ނަގައިދިން ހުރަސް އަގުއޭރޯ ގޯލަށް ވައްދާލިއިރު މިއީ އޭނާ މި ސީޒަނުގައި ޖެހި 25 ވަނަ ގޯލެވެ.
މެޗުގެ ފަހުކޮޅު ލިވަޕޫލުގެ އެޑަމް ލަލާނާ އަށް ވަނީ ގޯލެއް ޖަހަން ކުޅުންތެރިޔަކަށް ލިބޭނެ އެންމެ ހުސް އެއް ފުރުސަތު ބޭކާރުކޮށްލައިފަ އެވެ. ފިރްމީނިއޯ މަޑުމަޑުން ޖައްސާލި ބޯޅަ ލަލާނާ އަށް ލިބުނު އިރު ސިޓީގެ ގޯލްކީޕަރު ވިލީ ކަބަލެރޯ ހުރީ އެއްފަޅިއަކަށް އަރަ އެވެ. މުޅި ގޯލް ހުސްކޮށް ބޭނުން ގޮތަކަށް ޖަހަން އޮތީ ލަލާނާ އަށް ލިބިފަ އެވެ. އެކަމަކު އެ ބޯޅަ އޭނާ އަށް ރަނގަޅަށް ފަޔަށް ނާރައި ދިޔައީ މަޑުމަޑުން ފުރޮޅިގެންނެވެ. އޭގެ ފަހުން ސިޓީގެ އަގުއޭރޯ އަށް ވެސް ފުުރުސަތެއް ލިބި ބޭކާރުވި އެވެ.
ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނީ މެޗަށް ފަހު ލަލާނާ މައާފަށް އެދުނު ކަމަށާއި އެކަމަކު އޭނާ ދެއްކި ކުޅުމަށް ބަލާއިރު އޭނާ މައާފަށް އެދެން ނުޖެހޭ ކަމަށް ކްލޮޕް ބުންޏެވެ.
"މިފަދަ ކަންކަން ވެދާނެ،" ކްލޮޕް ބުންޏެވެ.
ސިޓީގެ ކުޅުމާ ބެހޭގޮތުން ގާޑިއޯލާ ދެއްކި ވާހަކަތަކާ ގުޅިގެން ކްލޮޕް ބުނީ ޖަރުމަން މީހުންނަށް ވުރެ ސްޕެނިޝް މީހުން އަވަހަށް ޖަޒުބާތުގައި ޖެހޭނެ ކަމަށެވެ. ކްލޮޕް އިޝާރާތްކުރީ ގާޑިއޯލާ އެގޮތަށް ވާހަކަދެއްކީ ޖަޒުބާތުގައި ޖެހިގެން ކަމަށެވެ.
ރޭގެ ނަތީޖާއާ ތަކާ އެކު ސިޓީ އޮތީ 57 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެ ޓީމަށް އިތުރު މެޗެއް އެބައޮތެވެ. ލިވަޕޫލް 56 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު އެ ޓީމަށް އޮތް ހާސްކަމަކީ މެންޗެސްޓާ ޔުނައިޓެޑެވެ. ރޭ މިޑްލްސްބަރާ އަތުން 3-1 އިން މޮޅުވެ ޔުނައިޓެޑް ވަނީ 52 ޕޮއިންޓާ އެކު ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ޔުނައިޓެޑް ދެ މެޗު މަދުން ކުޅެފައިވާތީ އެ ޓީމަށް ކުރިއަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ލިވަޕޫލް ނުކުންނާނީ ވާދަވެރި އެވަޓާނާ ދެކޮޅަށެވެ. ކްލޮޕް ބުނީ އެއީ ހަމައެކަނި ޑާބީ މެޗެއް ނޫން ކަމަށާއި އެއީ ވަރަށް މުހިއްމު މެޗެއް ކަމަށެވެ.
"އަދިވެސް ހަނގުރާމައިގައި މައިދާނުގައި މިތިބީ. މި ފަހަރު އޮތީ ތަފާތު އެންމެ ޓީމެއް. ދެން ތިބި ޓީމުތަކަށް ޖެހޭނީ ސީޒަން ނިމެންދެއް، ލިބިފައިވާ ހަތިޔާރަކާ އެކު ހަނގުރާމަ ކުރަން،" ކްލޮޕް ބުންޏެވެ.