09 ޖޫން 2025 - 11:33

އަމިއްލަ ނަށާ ގްރޫޕެއް ކަމަށްވާ "ހިޔަލަ" އިން އީދު ދުވަހަށް ހާއްސަކޮށް ނެރުނު ލަވައެއް ހުއްދަ ނުހޯދައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބްރޯޑްކާސްޓްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
"އީދު ބޯމަތިވަނީ" ގެ ނަން ދީފައިވާ ލަވަ އެ ގްރޫޕުން ޔޫޓިއުބްގައި ރިލީޒްކޮށްފައިވާއިރު، މިހާތަނަށް އެ ލަވަ 85،000 މީހުން ޔޫޓިއުބްގައި ބަލާފައިވެ އެވެ.
ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް ޓްރެންޑްވެފައިވާ ލަވަ ޕީއެސްއެމްގެ ޓީވީއެމް އިން އިއްޔެ ގެނެސްދިން އީދު ކަވަރޭޖް ތެރޭ ދެއްކި އެވެ. ޓީވީއެމް އިން އެ ލަވަ ދެއްކީ ލިބިފައިވާ ހަދިޔާއެއް ކަމަށް ބުނެ އެވެ.
އެކަމަކު ހިޔަލަ ގްރޫޕުން ވަނީ ޕީއެސްއެމް އިން ލަވަ ދެއްކި މައްސަލައިގައި ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ.
ހިޔަލަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގްރޫޕްގެ ހުއްދަ ނުހޯދައި ލަވަ ދެއްކުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ޕީއެސްއެމާއި އިތުރު އެހެން އެއްވެސް ބަޔަކަށް ލަވަ ދެއްކުމުގެ ހުއްދަ ނުދޭ ކަމަށް އެ ގުރޫޕުން ބުންޏެވެ.
"މި ގުރޫޕްގެ އުފެއްދުމެއް ހުއްދަ ނުލައި ބޭނުން ކުރުމުން އަޅުގަނޑުމެންގެ ހައްގަށް އަރައިގަތުމުގެ އިތުރުން މިއީ ވަރަށް އަން ޕްރޮފެޝަނަލް ކަމެއް،" ހިޔަލަ އިން ބުންޏެވެ.
އެ ގްރޫޕުން ބުނީ މި މައްސަލަ އެ ގުރޫޕުން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި މިކަމުގައި ގާނޫނީ ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.
ޕީއެސްއެމް އިން މިކަމާ ގުޅިގެން އަދި އެއްޗެއް ނުބުނެ އެވެ.
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގައިވާ ގޮތުން އުފެއްދުމެއް ބްރޯޑްކާސްޓް ކުރުމަކީ އެ އުފެއްދުމެއް އުފެއްދި މީހާއަށް ނޫނީ އޭގެ ވެރިފަރާތުގެ އިގުތިސޯދީ ހައްގެކެވެ. ތިންވަނަ ފަރާތަކަށް އެ ބޭނުން ކުރެވޭނީ ވެރިފަރާތުގެ ހުއްދަ އޮވެގެންނެވެ.