09 ޖޫން 2025 - 06:14

ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓަ ތަމްބާގް އާއި އިތުރު އެހެން ބައެއް އެކްޓިވިސްޓުން ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި ޔޮޓް "މަދްލީން" ހުއްޓުވާނެ ކަމަށް އިޒްރޭލުން ކުރިން އިންޒާރު ދިނުމަށް ފަހު އެ އުޅަނދަށް އަރައި އުޅަނދާއި އޭގައި ތިބި މީހުންގެ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.
މިދިޔަ ހޯމަ ދުވަހު އިޓަލީގެ ސިސިލީ އިން 12 ވަރަަކަށް އެކްޓިވިސްޓުންނާ އެކު ފުރި ޔޮޓްގައި ޣައްޒާއަށް ކުރާ ދަތުރުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލައި އެހީ ފޯރުކޮށްދެވޭނެ މަގުތައް ހުޅުވާލުމަށް ބާރުއެޅުމާއި އެ މައްސަލަ ސަމާލުކަމަށް ގެނައުމެވެ.
ޔޮޓަށް މަދްލީންގެ ނަން ދީފައިވަނީ ޣައްޒާގެ ފުރަތަމަ އަންހެން މަސްވެރިޔާ މަދްލީން ކުލާބް އަށް ނިސްބަތްކޮށެވެ.
އިޒްރޭލު ސިފައިން ބޯޓަށް އެރީ މުއާސަލާމަތީ ހުރިހާ ހިދުމަތެއްގެ ސިގްނަލްތައް ބްލޮކް ކުރުމަށް ފަހު ޑްރޯންތަކާއި ޕެޓްރޯލް ބޯޓުތައް ގޮސް އުޅަނދު ހުއްޓުވުމަށް ފަހުގަ އެވެ. އޭގެ ފަހުން އިޒްރޭލުން ބުނީ ބޯޓު އިޒްރޭލަށް ގެންދަން ދަތުރު ފަށާފައިވާ ކަމަށެވެ. އަދި އޭގައި ތިބި އެކްޓިވިސްޓުން ވެސް އެނބުރި ގައުމަށް ދާނެ ކަމަށް ބުންޏެވެ.
"ސެލެބްރިޓީންގެ ސެލްފީ ޔޮޓް ރައްކާތެރިކަމާ އެކު މިހާރު ދަނީ އިޒްރޭލާ ދިމާލަށް. އޭގައި ތިބި އެކްޓިވިސްޓުން އެ ބައެއްގެ ގައުމަށް ދާނެ،" އިޒްރޭލުގެ ފޮރިން މިނިސްޓްރީން މަލާމާތުގެ ރާގުގައި ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
މަދްލީން އޮޕަރޭޓްކުރާ ކޯލިޝަން ކަމަށްވާ ފްރީޑަމް ފްލޮޓީލާ އިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ބޯޓުގައި ތިބި ހުރިހާ ވޮލަންޓިއަރުން އިޒްރޭލުން ވަނީ ރަހީނުކޮށްފަ އެވެ. އަދި އެ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ މީސްމީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކުން މަސައްކަތްކުރުމަށް އެދިފައިވެ އެވެ.
އިޒްރޭލުން އިއްޔެ ވަނީ މަދްލީންގައި ދަތުރުކުރާ ގްރެޓާ ތަމްބާގް އަކީ "ޔަހޫދީންނާ ދެކޮޅު" މީހެއް ކަމަށް ބުނެފަ އެވެ. އަދި އޭގައި ތިބި އެކްޓިވިސްޓުންނަކީ ހަމާސް އަށް ހިތްވަރުދޭ މީހުންގެ ގޮތުގައި ސިފަކޮށް އުޅަނދު ހުއްޓުވާނެ ކަމުގެ އިންޒާރު ހަރުކަށިކަމާ އެކު ދީފައިވެ އެވެ.