08 ޖޫން 2025 - 12:13

ލ. ގަމުގެ ލިންކު ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ މީހުންގެ ތެރެއިން އެކެއްގެ ސާޖަރީ ހެދުމަށް މާލެ ފޮނުވާލައިފި އެވެ.
ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ރޭ 7:00 ހާއިރު ހިނގި އެކްސިޑެޓުގައި އަނިޔާވީ ސައިކަލުގައި ތިބި ދެ މީހުންނަށެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަނިޔާ ލިބުނު ދެ މީހުންގެ ތެރެއިން އުމުރުން 48 އަހަރުގެ ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް، ފައިގައި ފްރެކްޗާއެއް ހުރި ކަމަށެވެ. އެކަމަށް އެ ހޮސްޕިޓަލުން ފަރުވާ ދީ އަދި ސީޓީ ސްކޭނެއް ހަދައި ސިކުނޑިއަށް އަނިޔާ ނުލިބޭކަން ކަށަވަރު ކުރުމަށް ފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.
ދެން އަނިޔާ ލިބުނީ 44 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ، ކޮނޑުހުޅާ ދިމާލުން ވަނީ ބިންދައިގެން ގޮސްފަ އެވެ.
އޮފިޝަލު ވިދާޅުވީ އެ މީހާގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ އެއާ އެމްބިއުލާންސްގައި މާލެ ފޮނުވާލާފައިވާ ކަމަށެވެ.
"އެ އެންމެންގެ ހާލު ސްޓޭބަލް." އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފަ އެވެ.