08 ޖޫން 2025 - 00:53

ލ. ގަމުގެ ލިންކު ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ، ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ރޭގެ ހަތެއް ޖަހާކަން ހާއިރު ހިނގި އެކްސިޑެޓުގައި އެ ސައިކަލްގައި ތިބި ދިވެހި ދެ ފިރިހެނުންގެ ވެސް ބޯފަޅައިގެން ގޮސް ފައި ބިނދިފައިވާ ކަމަށެވެ.
ސައިކަލް ދުއްވަން އިން އުމުރުން 44 އަހަރުގެ މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި އަދި އެ މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް އިތުރު ޒަހަމްތަކެއް ވެސް ވި ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
ސައިކަލް ދުއްވަ އިން މީހާގެ ފަހަތުގައި ވެސް އިނީ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ބޯ ދެ ތަނަކުން ފަޅައިގެން ގޮސް ކަނާތު ފައި ވެސް ދެ ތަނަކުން ބިނދި އިތުރު އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެންމީހާ އަށް އަށް އަނިޔާވެފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފަ އެވެ.