07 ޖޫން 2025 - 23:02

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭޓީއާރް މަރުކާގެ އިތުރު ބޯޓެއް ގެނެސްފި އެވެ.

މިއީ އެ އެއާލައިނުން ގެންނަ ފަސް ވަނަ އޭޓީއާރް މަރުކާގެ ބޯޓެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ބޯޓު ޖެއްސީ މިއަދު ހަވީރު 4:30 ހާ އިރު ގަ އެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ހަވީރު ގެންނަ އެ ބޯޓުން ގާތްގަނޑަކަށް 42 މީހުން އުފުލޭނެ އެވެ.
މޯލްޑިވިއަން އިން ވޭތުވެދިޔަ ދެ އަހަރުން ފެށިގެން އަންނަނީ އެ އެއާލައިނުން ޑޮމެސްޓިކް ދަތުރުތަކަށް ބޭނުން ކުރަމުން އަންނަ މަތިންދާ ބޯޓުތައް އާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ އެއާލައިނުން 2023 ވަނަ އަހަރު ބްރޭންޑް ނިއު ތިން މަތިންދާބޯޓު ގެނެސްފައިވެ އެވެ. މިދިޔަ އަހަރު އެއް ބޯޓު ގެނެސްފައިވެ އެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިދިޔަ ޖެނުއަރީ މަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ޑޮމެސްޓިކް ދަތުރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޑޮމެސްޓިކް ފްލީޓުގެ އަދަދު އަށަކަށް އިތުރު ކުރާނެ ކަމަށެވެ. އެހެންވެ، އިތުުރު ތިން އޭޓީއާރް މޯލްޑިވިއަން އިން އަދި ހޯދާނެ އެވެ.
ބޯޓުތައް އާ ކުރުމަށް މިހާތަނަށް 70 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހޭދަކުރި އިރު 8 ބޯޓު ގެންނަން ގާތްގަނޑަކަށް 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އައިއޭއެސް އިން ލަފާކުރެ އެވެ.
އާ ބޯޓުތައް ގެނައުމުގެ އިތުރުން އެ އެއާލައިނުން ވަނީ ޕްރިމިއަމް އިކޮނޮމީގެ ޓިކެޓް ވިއްކަން ފަށާ، އޮންބޯޑް ރީޓެއިލް ސާވިސަސް ވެސް ފަށާ އެވެ. އެ ހިދުމަތުގެ ދަށުން ބޯޓުތަކުގައި ދަތުރު ކުރާ މީހުންނަށް އިތުރު ބުއިންތަކާއި ކާބޯތަކެތި ގަނެވޭނެ އެވެ.
އާ އޭޓީއާރް މަތިންދާ ބޯޓާ އެކު އެ އެއާލައިނުގެ ފްލީޓުގެ އަދަދު 26 އަށް އިތުރުވާނެ އެވެ. ފަސް އޭޓީއާރްގެ އިތުރުން އޭ330 މަތިންދާ ބޯޓާއި އެއާބަސް އޭ320 އާއި ޑޭޝް މަރުކާރުގެ އަށް ބޯޓާއި 11 ސީޕްލޭން ހިމެނެ އެވެ.