ތަހުގީގަކަށް ހާޒިރު ނުކުރެވުމުން ނިއު ޒީލެންޑުން އެމެރިކާގެ ޑިޕްލޮމެޓެއް ބޭރުކޮށްލައިފި
ތަހުގީގަކަށް ހާޒިރު ނުކުރެވުމުން ނިއު ޒީލެންޑުން އެމެރިކާގެ ޑިޕްލޮމެޓެއް ބޭރުކޮށްލައިފި

ނިއު ޒީލެންޑު ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ހާޒިރުކުރަން ބޭނުންވި އެ ގައުމުގައި އުޅޭ އެމެރިކާގެ ޑިޕްލޮމެޓެއްގެ ސިޔާސީ ހިމާޔަތް އުވާލަން އެމެރިކާއިން އިންކާރުކޮށް އެ ޑިޕްލޮމޭޓް ތަހުގީގަށް ފޮނުވާފައި ނުވާތީ އޭނާ ނިއު ޒީލެންޑުން ބޭރުކޮށްލައިފި އެވެ.

މި ޑިޕްލޮމެޓާ ސުވާލުކުރަން ބޭނުންވެގެން އުޅެނީ މާޗް މަހުގެ 12 ވަނަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު ވިއެނާ ކޮންވެންޝަންގެ ދަށުން ޑިޕްލޮމެޓުންނަށް ހިމާޔަތް އޮންނާތީ ސުވާލު ކުރުމުގެ ފުރުސަތެއް ފުލުހުންނަކަށް ނުލިބެ އެވެ. އެހެންވެ ނިއު ޒީލެންޑު ސަރުކާރުން ވަނީ އެ ޑިޕްލޮމެޓަށް ނިއު ޒީލެންޑުގައި ނުހުރެވޭކަން އަންގައިފަ އެވެ. އެމެރިކާއިން ވަނީ އޭނާ މިހާރު ނިއު ޒީލެންޑުން ނިކުމެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

މި ޑިޕްލޮމެޓްގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައި ކަމެއް އަދި ހިނގި ހާދިސާ އަކީ ކޮބައި ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ނިއު ޒީލެންޑު ރޭޑިއޯއިން ބުނި ގޮތުގައި ޑިޕްލޮމެޓް ގައުމުން ފުރައިގެން ދިޔައިރު ހުރީ ނޭފަތްމަތި ފަޅައިގެން ގޮސް އަދި ލޮަލަށް ލޭ އަރައިފަ އެވެ.

ޑިޕްލޮމެޓުންގެ މައްޗަށް ތަހުގީގު ނުހިންގޭ ގޮތަށް އޮތް ނަމަވެސް ނިއު ޒީލެންޑު ސަރުކާރުން ބުނީ އެ ގައުމުގައި ތިއްބަވާ އެހެން ގައުމުތަކުގެ ޑިޕްލޮމެޓުން ވެސް ގައުމުގެ ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް ކިޔަމަންވާން ޖެހޭނެކަން އަންގާފައި އޮންނާނެ ކަމަށެވެ.