ފަލަސްތީނުގެ ގޭންގަކަށް އިޒްރޭލުން ހަތިޔާރުދޭ ކަމަށް އެއްބަސްވެއްޖެ
ފަލަސްތީނުގެ ގޭންގަކަށް އިޒްރޭލުން ހަތިޔާރުދޭ ކަމަށް އެއްބަސްވެއްޖެ

ހަމާސް ޖަމާއަތާ ދެކޮޅު ގޭންގަކަށް އިޒްރޭލުން ހަތިޔާރު ދޭ ކަމަށް އިޒްރޭލުގެ ކުރީގެ ވަޒީރަކު ބުނެފައި ވަނިކޮށް އެއީ ތެދެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެ އެވެ.

ފަލަސްތީނުގެ ގޭންގަކަށް އިޒްރޭލުން ހަތިޔާރުދޭ ކަމަށް އެއްބަސްވެއްޖެ
ފަލަސްތީނުގެ ގޭންގަކަށް އިޒްރޭލުން ހަތިޔާރުދޭ ކަމަށް އެއްބަސްވެއްޖެ

އިޒްރޭލާއި ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލާ ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ ޔާސިރު އަބޫ ޝަބާބު އިސްވެ ހިންގަމުން އަންނަ ބަދަވީ ގަބީލާއެއްގެ ޖަމާއަތެކެވެ.

ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (އީއެފްސީއާރް) ގެ ތިންކް ޓޭންކުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަބޫ ޝަބާބަކީ ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެންދާ ޓްރަކްތަކުން ފޭރުމުގެ އަމަލުތައް ހިންގުމުގައި އާންމުކޮށް ބައިވެރިވާ، ޖިނާއީ ކުށްކުރާ ގޭންގެއްގެ ވެރިއެކެވެ.

ނެސެޓްގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލިބާމަން، ޕަބްލިކް ބްރޯޑްކާސްޓާ "ކަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ ސީދާ ނަތަންޔާހޫގެ އިރުޝާދުގެ ދަށުން ސަރުކާރުން ގެންދަނީ "ކުށްވެރިންގެ ޖަމާއަތަކަށް ހަތިޔާރު ފޯރުކޮށްދެމުން" ކަމަށެވެ.

"ލީބާމަން ލީކުކޮށްލީ ކޮން ކަމެއް؟ ސަލާމަތީ ބާރުތަކުން، ހަމާސްއާ ދެކޮޅު ޣައްޒާގެ ގަބީލާއެއްގެ ބަޔަކު ބާރުވެރިކުރީތަ؟ ކޮބާ މީގެ މައްސަލަ އަކީ؟ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުންޏެވެ.

"އެއީ ރަނގަޅުކަމެއް. އެކަމުން ސަލާމަތްވަނީ އިޒްރޭލު ސިފައިންގެ ފުރާނަ."

ތެލް އަވީވްގައި ހުންނަ މޮޝޭ ދަޔާން ސެންޓަރުގެ ފަލަސްތީނުގެ މައްސަލަތަކުގެ ސްޕެޝަލިސްޓެއް ކަމަށްވާ މައިކަލް މިލްޝްޓެއިން އޭއެފްޕީއަށް ވިދާޅުވީ އަބޫ ޝަބާބު އާއިލާއަކީ މިސްރުގެ ސައިނާއީ ޕެނިންސިއުލާ އާއި ޣައްޒާ ވަކިކުރާ ބޯޑަރު ހުރަސްކޮށް ފެތުރިފައިވާ ބަދަވީ ގަބީލާއަކާ ގުޅިފައިވާ ބައެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ މަސްތުވާތަކެތީގެ ވިޔަފާރި އާއި އެފަދަ ހުރިހާ ކުށުގެ އަމަލުތަކެއް ހިންގަމުންދާ ބައެކެވެ.

މިލްޝްޓެއިން ވިދާޅުވީ އަބޫ ޝަބާބަކީ ޣައްޒާގެ ޖަލެއްގައި ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެއް ކަމަށާއި ދާދި ފަހުން އޭނާގެ ގަބީލާގެ ލީޑަރުން ވަނީ އެއީ އިޒްރޭލާ ގުޅިގެން އުޅޭ ގޭންގްސްޓާރެއްގެ ގޮތުގައި ކަނޑައަޅައި އޭނާއާ ގުޅުން ކަނޑާލާފައި ކަމަށެވެ.

"ޝަބަކް (އިސްރާއީލުގެ ސަލާމަތީ އިދާރާ) ނުވަތަ އަސްކަރިއްޔާ އިން ގަބޫލުކުރާ ގޮތުގައި މި ލަޝްކަރު، ހަގީގަތުގައި މި ގޭންގަށް، ހަތިޔާރާއި ފައިސާ ދީ އަސްކަރިއްޔާގެ އޮޕަރޭޝަންތަކުން ހިމާތް ދީގެ އިޒްރޭލުގެ ޕްރޮކްސީއަކަށް ބަދަލުކުރުމަކީ ވަރަށް ރަނގަޅު ވިސްނުމެއް،" މިލްޝްޓެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމާސް އިން މީގެ ދުވަސްކޮޅެއް ކުރިން އެ ގޭންގުގެ ހަތަރު މީހަކު މަރާލާފައިވާ ކަމަށެވެ.

އީސީއާރުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަބޫ ޝަބާބު މީގެ ކުރިން ވެސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ހަމާސް ޖަމާއަތުން ޖަލަށް ލައިފަ އެވެ. އދ.ގެ އެހީގެ ގާފިލާތަކަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި ހަމާސް އިން އޭނާގެ ކޮއްކޮ މަރާލާފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަމަކު ޣައްޒާއަށް ގެންދާ އެހީގެ ސާމާނު ލޫޓުވުމުގެ ތުހުމަތު މި ހުރިހާ ދުވަހަކު އިޒްރޭލުން އަޅުވަމުންދަނީ ހަމާސްގެ ބޮލުގަ އެވެ.

އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އެފީ ޑެފްރިން ވެސް ހުކުރު ދުވަހު ވަނީ ޣައްޒާގައި އުޅޭ އެ ގަބީލާގެ މީހުންނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތަށް އަސްކަރިއްޔާއިން އެހީވި ކަމަށް އެއްބަސްވެފަ އެވެ.