06 ޖޫން 2025 - 21:58

ދުނިޔޭގެ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ އދ. ގެ އެޖެންސީ، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް މިއަދު ދީފި އެވެ.
ފަލަސްތީނަށް މި ދަރަޖަ ދިނީ އެ އެޖެންސީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުންނެވެ. އެ ވޯޓުގައި 386 މެމްބަރަކު ވަނީ ފަލަސްތީނަށް އެ ދަރަޖަ ދިނުމަށް ތާއީދުކޮށް ވޯޓު ދީފަ އެވެ. އަދި 15 މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓުދިންއިރު، 42 މެމްބަރަކު ވޯޓުގައި ބައިވެރި ނުވެ އެވެ.
އެ އެޖެންސީގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ތާއީދުކޮށް ރާއްޖެއިން ވެސް ވަނީ ވޯޓު ދީފަ އެވެ.
އެކަމަށްޓަކާ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ވަފުދެއް ބައިވެރިވެވަޑައިގަތެވެ. އެ ވަފުދުގައި އިސްކޮށް ހުންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.
ރައީސް އޮފީހުން ބުނީ މި ތާރީހީ ނިންމުން ނިންމި ވަގުތުގައި ފަލަސްތީނާއެކު ދެމިތިބެން ދިވެހި ވަފުދައް ފުރުސަތު ލިބުމުން އެކަމާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ. މިނިސްޓަރު ހައިދަރު ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައި، ރާއްޖެއިން އެ ގައުމަށް ދެމުން އަންނަ އެއްބާރުލުން އަބަދުވެސް ހަމަ އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހައިދަރު ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އައިއެލްއޯގެ ބައްދަލުވުމުގައި ތަގުރީރު ވެސް ކުރައްވައިފަ އެވެ.