06 ޖޫން 2025 - 18:05

އީދު ފާހަގަކުރަން ދިރާގުން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ "ދިރާގު އީދު ބޮނޑިބަތް" ބެހުމުގެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އީދު ނަމާދަށް ފަހު 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް ވަނީ މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.

ހުޅުމާލޭގައި އީދު ބޮނޑިބަތް ބެހީ ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެންނެވެ. އަދި، މާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލާ ގުޅިގެންނެވެ.
ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ އަޟްހާ އީދުގެ އުފަލުގައި އެންމެން ބައިވެރިކޮށް، މުޖުތަމައުގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އިޖްތިމާއީ ރޫހު އާލާކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
އީދު ބޮނޑިބަތް ބެހުމުގެ އިތުރުން، އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ކޮންމެ އީދެއްގައި ވެސް ދުވަހުގެ ފޯރި އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ އެވެ.