06 ޖޫން 2025 - 14:14

މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން މީގެ ދެ ދުވަސް ކުރިން އިއުލާނުކޮށް ވިޔަސް ވެހިކަލް ދުއްވުން މަނާވާނީ މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މިދިޔަ ބުދަ ދުވަހު މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވާ ގޮތަށް ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދާއި އަޟްހާ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ.
އެގޮތަށް ނިންމާފައި އޮތުމުން މިއަދު ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލޭގެ އާންމު ހުރިހާ މަގުތަކެއްގައި އިންޖީނުލީ އުޅަނދާއި ބެޓަރީ އުޅަނދު ދުއްވުން މަނާވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި އޮތީ ވެހިކަލް ދުއްވުން މަނަލީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ. ފުލުހުން ވެސް މިއަދު ބުނީ މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ ކަމަށެވެ. ހުޅުމާލޭގެ ވާހަކައެއް ނުބުނެ އެވެ.
މި ނިންމުމާ ހިލާފުވެެެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
މަނާ ވަގުތުތަކުގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ސިޓީ ކައުންސިލުން ހާއްސަ ސްޓިކާއެއް ދޭނެ ކަމަށާއި މިއަދު މެންދުރު ފަހު 3:45 ވަންދެން ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން އެ ސްޓިކާ ދޫކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
މި އަހަރުގެ ފިތުރު އީދުގައި ހުޅުމާލެ ވެސް ހިމެނޭހެން މާލެ ސަރަހައްދުގެ ހުރިހާ މަގެއްގައި ހަވީރު ވެހިކަލް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކުރި ނަމަވެސް، އެ ދުވަހު ހަވީރު އެ އިއުލާން ބާތިލުކުރި އެވެ. ނަމަވެސް، އެ އިއުލާން ބާތިލް ކުރަން ނިންމި ސަބަބެއް ނުބުނެ އެވެ. އެ އެންގުން ބާތިލްކުރީ އެއަށް އަމަލުކުރަން ފެށިތާ ގަޑިއެއްހާއިރުވީ ފަހުންނެވެ.