05 ޖޫން 2025 - 18:09

ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފައްދައި އެ ބިމުން ފަލަސްތީނުގެ ރައްޔިތުން އަނިޔާވެރިކަމާ އެކު ބޭރުކުރުމަށް ހިންގަމުންދާ ގަތުލު އާންމުތަކާ ގުޅިގެން ދުޝްމަނުން ނެތި ކުރެއްވުމަށް އެދި ހައްޖު ހުތުބާގައި ދުއާ ދަންނަވައިފި އެވެ.

ޚުތުބާ ނިންމަވާލައްވަމުން މަސްޖިދުލް ހަރަމްގެ އިމާމް ޝައިޚް ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެދި މާތްاللّٰه ގެ ހަޟުރަތުގައި ދަންވައި ދުޝްމަނުން ނެތިކުރެއްވުމަށް އެދި ދުއާ ކުރައްވައިފަ އެވެ. އަދި އެ ގައުމުން ޝަހީދުވި މީހުންގެ ފާފަ ފުއްސުމަށާއި ހަނގުރާމައިގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ދެންނެވި އެވެ.
ހުތުބާގައި ވަނީ ވެރިންނަށް ހިދާޔަތު ދެއްކެވުމާ އެކު އެމީހުންގެ ދުޝްމަނުންނާ ދެކޮޅަށް އެހީތެރިވުމަށް ވެސް އެދި ދުއާ ދަންނަވައިފަ އެވެ. އަދި އެ މީހުންގެ ބަނޑުހައިހޫނުކަމުން ރައްކާތެރިކޮށް ކާނާ ފޯރުކޮށްދެއްވުމާއި ދުޝްމަނުންގެ ނުބައިކަމުން ސަލާމަތް ކުރުމަށް އެދި ދުއާ ކުރެއްވި އެވެ.
ސައުދީން މިއަހަރު ވަނީ ފަލަސްތީނުގައި ޝަހީދުވެފައިވާ މީހުންނާއި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންގެ އާއިލާތަކާއި ހަމަލާތަކުގައި ޒަހަމްވި 1،000 މީހަކަށް މީހުންނަށް ސައޫދީ ރަސްގެފާނުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދެމުންދާތާ 450 އަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ހަމަލާތަކުގައި 50،000 އެއްހާ މީހުން ވަނީ ޝަހީދުވެފަ އެވެ.
ހައްޖުގެ މަތިވެރި ފަރުޟު އަދާކުރުމަށް އަރަފާތު ބިމަށް ޖަމާވެ ތިބި ދޮޅު މިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހާޒިރުގައި ދެއްވި ޚުތުބާގައި ޝައިޚް ސާލިހް ވަނީ އިސްލާމީ އުންމަތަށް ތަގުވާވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދެއްވައިފަ އެވެ. އިމާންތެރިކަން އިސްކޮށްފިނަމަ ބޭއިންސާފާއި ޝިރުކުން ސަލާމަތްވާނެ ކަމަށާއި އެފަދަ މީހުންނަކީ ސީދާ ތެދުމަގާއި ﷲ ގެ ރައްކާތެރިކަން ލިބިގެންވާ މީހުން ކަމަށް ޝައިޚް ވިދާޅުވި އެވެ.
"ﷲ އަށް ބިރުވެތިވެ، ތަގުވާވެރިކަމާ އެކު ދިރިއުޅޭ،" ޝައިޚް ވިދާޅުވި އެވެ.
ޝައިތާނާ ބޭނުންވަނީ އިންސާނުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަން ކަމަށާއި އެހެންވެ މީހަކު ތިމާއާ މެދު ނުބައިކޮށް އަމަލުކުރި ކަމުގައި ވިޔަސް އެ މީހަކާ މެދު ހެޔޮކޮށް ހިތުމަށް ހުތުބާގައި ގޮވާލެއްވި އެވެ.