ގަދަ 6 ހޯދައި ނުދެވުމުން ކެރިކް ބޯރޯގެ ކޯޗުކަމުން ވަކިކޮށްފި
ގަދަ 6 ހޯދައި ނުދެވުމުން ކެރިކް ބޯރޯގެ ކޯޗުކަމުން ވަކިކޮށްފި

މިޑްލްސްބްރޯ (ޖޫން 5) - އިނގިރޭސި ދެވަނަ ޑިވިޝަން ކަމަށްވާ ޗެމްޕިއަންޝިޕްގެ ގަދަ 6 އިން މިޑްލްސްބްރޯ (ބޯރޯ) އަށް ޖާގަ ހޯދައިނުދެވުމުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ކުރީގެ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް މައިކަލް ކެރިކް، 43، މަގާމުން ވަކި ކޮށްފި އެވެ.

އޮލެ ގުނަ ސޯލްޝެއާ ޔުނައިޓެޑުން ބޭރު ކުރުމާ ގުޅިގެން ޔުނައިޓެޑްގެ ކެއާޓޭކާ މަގާމުގައި ހުރެ އެ ޓީމަށް ތިން މެޗު މެނޭޖް ކޮށްދިނުމަށް ފަހު ކެރިކް މިޑްލްސްބްރޯއާ ހަވާލު ވެފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ހަވާލުވި އިރު ރެލިގޭޝަން ޒޯނުގައި އޮތް ޓީމު ގޮވައިގެން އެ ސީޒަންގައި ކެރިކް ވަނީ ލީގުގެ ހަތަރުވަނަ ހޯދައިދީފަ އެވެ. ޕްރިމިއާ ލީގަށް ކޮލިފައި ނުވީ ޕްލޭއޮފް ސެމީފައިނަލުން ބަލިވެގެންނެވެ.

ޖެހިގެން އައި 2023/2024 ސީޒަންގައި ކެރިކް ވަނީ އެ ޓީމު 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ކަޕްގެ ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. ސެމީގެ ފުރަތަމަ ލެގުގައި ޗެލްސީ ބަލި ކުރި ނަމަވެސް ދެވަނަ ލެގުގައި ވަނީ ތަފާތު ބޮޑުކޮށް ބަލިވެފަ އެވެ.

އެ ސީޒަންގައި ޗެމްޕިއަންޝިޕްގެ އަށް ވަނަ ހޯދައިދިނުމުން، ޖޫން 2024 ގައި ކްލަބުން ވަނީ އޭނާ އަށް ތިން އަހަރުދުވަހުގެ ކޮންޓްރެކްޓެއް ދީފަ އެވެ. ނަމަވެސް ފާއިތުވި ސީޒަންގައި ލީގުގެ 10 ވަނައިގައި ނިންމާލަން ޖެހުމުން ކްލަބުން މިވަނީ އޭނާ މަގާމުން ވަކި ކޮށްފަ އެވެ.

ކެރިކް އާއެކު، އޭނާގެ ކޯޗިން ޓީމުގައި ހިމެނޭ އެސިސްޓެންޓުން ކަމަށްވާ، ކުރީގެ ކުޅުންތެރިޔާ ޖޯނަތަން ވުޑްގޭޓާއި އަދި ކެރިކްގެ ކޮއްކޮ ގްރޭމީ ކެރިކް ވެސް ވަނީ ކްލަބް ދޫކޮށްލައިފަ އެވެ.

މިދިޔަ ސީޒަންގައި ލީގުގެ ފަހު ހަ މެޗުގެ ތެރެއިން ބޯރޯ މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގެ 10 ވަނައިގައި ނިންމާލި އިރު، ގަދަ 6 ގައި ހިމެނިގެން ޕްލޭއޮފް ޖާގައަކަށް ބޭނުންވީ ހަތަރު ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފައުންޑިން ކްލަބެއް ކަމަށްވާ ބޯރޯ، އޮޓޮމެޓިން ޕްރޮމޯޝަނެއް ހޯދައި އެންމެ ފަހުން ޕްރިމިއާ ލީގު ކުޅުނީ 2016/2017 ގަ އެވެ. ވަރުގަދަ ސައިނިންތަކަކާ އެކު ވެސް އެ ސީޒަންގައި ޕްރިމިއާ ލީގުގައި އެ ހިފަހައްޓައި ނުލެވުނެވެ. އޭގެ ކުރިން 1998 އިން 2009 އަށް ބޯރޯ ވަނީ މެދު ނުކެނޑި ޕްރިމިއާ ލީގުގައި ކުޅެފަ އެވެ.