20 މާޗް 2017 - 06:18

އައިފޯނަށް މި އަހަރު 10 އަހަރު ފުރޭ އިރު، އައިފޯނަށް ބޮޑު ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ކޮޅުންލާކަށް ނެތެވެ. އާ އައިފޯނު ހުންނާނީ އެވެނި މިވެނި ގޮތަކަށް ކަމަށް ބުނެ އެއް ބަޔަކު އޮލަ ވާހަކަތަކުގައި އަވަދިނެތިފައި ވާއިރު، އައިފޯނު ހުންނާނެ ގޮތް ކުރެހުމުން ދެއްކުމަށްޓައި ވެސް ބުރަ މަސައްކަތްތަކެއް ކުރެ ވެ އެވެ.

އައިފޯނަށް ކޮންމެހެން އަންނަން ޖެހޭ ފީޗާޓަކުގެ ތެރޭގައި، "އެމޯލެޑް" ސްކްރީނަކަށް ޑިސްޕްލޭ ބަަދަލުވާން ޖެހެ އެވެ. ފާސްޓް ޗާޖިން އަދި ވަޔަލެސް ޗާޖިން ވެސް ހިމަނަން ޖެހެ އެވެ. "ފިޒިކަލް" ހޯމް ބަޓަން ގެއްލުވާލައި، އެކަން ކުރުމަށްޓަކައި ކޮންމެ ވެސް އެހެން އުކުޅަކަށް އެޕަލް ވިސްނަންވީ އެވެ. އައިފޯނު ހުންނަން ޖެހޭނީ މި ބުނި ގޮތަށެވެ.
އައިފޯނު ސްކްރީން ވަށައި އެއްގޮތަކަށް ވެސް ދާރަ ހުރެގެން ނުވާނެ އެވެ. ސްމާޓްފޯނުތައް މިހާރު މިސްރާބު ޖަހަނީ އެ ދިމާއަށެވެ. އެލްޖީ ވެސް ގޮތެއް ހަދައިފި އެވެ. އެލްޖީ "ޖީ ސިކްސް" އަކީ ދާރަ ވަރަށް ހަނި ފޯނެކެވެ. ދެން ސެމްސަންގް އެވެ. ގެލަކްސީ އެސް8 އަންނަނީ އެވެ. ޖަހާނީ ކޮން ފަދަ ސިފައެއް ކަމެއް ވެސް ނޭނގެ އެވެ.
އެޕަލް އަކީ އެއްޗެއް "ނުބުނަން" މަޝްހޫރު ބައެކެވެ. ނޮޅައި ކެޔަސް، އާ އުފެއްދުމަކާ ބެހޭ ގޮތުން ކުރިން އިއުލާނެއް ނުކުރެ އެވެ. މާނަ އަކީ ވާދަވެރިންގެ އަވައިގައި ޖެހި އެ މީހުން ވެސް ނުގުޑާއެކޭ ނޫނެވެ. ގުޑަ އެވެ.
އައިފޯނުން ދާރަ ދުއްވާލުމުން މޫނުމައްޗަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ޖަހާނީ 10 އަހަރު ވަންދެން ތުނބުޅި ބަހައްޓާފައި ހުރި މީހަކު، ތުނބުލި ބޭލީމަ ހުންނާނެ ސިފަ އެވެ. ފޮޓޯއިން އައިފޯނު ސިފަކުރެވެނީ އެ ކަހަލަ ގޮތަކަށެވެ. އެކަމަކު ވެސް ކަސްޓަމަރުން އެގޮތަށް އެދޭ ނަމަ ފޮޓޯއިން އެ ފެންނަނީ ދާރަ ނެތް އައިފޯނެކެވެ. މިއީ ވެސް ބައެއްގެ ޚިޔާލެވެ. އައިފޯނަށް އައުމަށް ބަޔަކު އެދޭ ބަދަލެކެވެ.
މި އަހަރު ނެރޭ އައިފޯނުގައި ޖައްސާނެ ސިފަ އެޕަލް އަށް ވެސް ކަށަވަރެއް ނުވެ އެވެ. ބުނެވޭ ގޮތުގައި، އާ އައިފޯނުގެ 10 ޑިޒައިނެއް އެޕަލް އިން އެބަ އަޖުމަބަލަ އެވެ.
"އެޕަލް ވޮޗް" އުފެއްދުމުގެ ކުރިން، ސްމާޓް ގަޑިއެއް އުފައްދަން އެޕަލް މަސައްކަތްކުރާ ކަމަށް ބުނެ ނޫސްތަކުގައި ދެއްކި ވާހަކަތަކަށް ޖަވާބުދިނީ ގަޑި ގޯންޏަކުންނެވެ. އެހާ ގިނަ ގަޑި ފުރަތަމަ ބުރުގައި އުފެއްދި އެވެ.
މިއީ އައިފޯނަށް 10 އަހަރު ފުރޭ އަހަރެވެ. އެޕަލުން އަޖުމަބަލާ 10 ޑިޒައިނަކީ، 10 އައިފޯނު ކަމަށް ވުމަކީ ވެސް އޮތް ނުރައްކަލެކެވެ. އޭގެ ތެރޭގައި ފޮޓޯއިން އެ ފެންނަ ކަހަލަ ޑިޒައިނެެއް ވެސް ވެދާނެ އެވެ.