05 ޖޫން 2025 - 10:35

ރާއްޖެއިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން ރޭ ފަތިހުން ފެށިގެން ތިބީ އަރަފާތުގައި ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބޭ ޓެންޓުތައް ކައިރީ ހުންނަވައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ އިއްޔެ އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައީ މިއަދުގެ އިރު އެރުމުގެ ކުރިން ހުރިހާ ހައްޖުވެރިން އަރަފާތު ޓެންޓުތަކަށް ވެއްދުމަށް ކަމަށެވެ.

އެ މަސައްކަތުގެ ދަށުން އޭނާ ވިދާޅުވީ ރޭ 3:30 ހާއިރު ހުރިހާ ހައްޖުވެރިން އަރަފާތަށް ގެނެސްފައިވާ ކަމަށެވެ.
ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ބަޔަކީ އަރަފާތް ބިމުގައި ހުރިހާ ހައްޖުވެރިން މަޑުކޮށް ﷲ އަށް ދުއާ ދަންނަވައި އަޅުކަންތަކުގައި ޝާމިލް ވުމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އަރަފާތް ބިމުގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކޮށްފައިވާ ޓެންޓުތަކުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ. އަދި ސިއްހީ ގޮތުން ވެސް ދިވެހި ހައްޖުވެރިންގެ ހާލު އާންމުކޮށް ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ 1،000 ހައްޖުވެރިންނަށް ހާއްސަ ޓެންޓުތަކުގައި އެހެން ގައުމެއްގެ ބަޔަކު ނުތިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. މިނާގައި ވެސް ތިބެން މި ފަހަރު ތިބީ "މަތީ ކެޓަގަރީގެ" ޓެންޓުތަކެއްގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރަކަށް ވާތީ ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ހައްޖާޖީން މިއަދުގެ ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އެ ބަޔަކަށް ހާއްސަ ކޮށްފައިވާ ޓެންޓުތަކުގައި ތިބެން އިލްތިމާސްކޮށްފަ އެވެ.
މި ހަފްތާގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަރަފާތު ދުވަހު، މައްކާގެ ބޭރުގައި އޮންނަ 70 މީޓަރު (230 ފޫޓު) އުސް އަރަފާތު ފަރުބަދަ އާއި އެ ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދަށް ޖަމާވެ އެތައް ގަޑިއިރެއް ވަންދެން އެކި އަޅުކަމުގައި ދެމިތިބެ އެވެ.