05 ޖޫން 2025 - 07:12

އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ހަދާފައިވާ ދެ ބުރީގެ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައިވުމުން ބޭނުން ނުކުރާތާ 8 އަހަރު ފަހުން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މީގެ 64 އަހަރު ކުރިން އިމާރާތްކުރި އިސްކަންދަރު ސްކޫލްގެ މައި ދޮރާށި ކައިރިން ހުރި ދެ ބުރީގެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ މާހިރުން ސާވޭ ހެދުމަށް ފަހު، މިދިޔަ 8 އަހަރުގެ ތެރޭގައި ދެ ފަހަރު އެންގި ކަމަށް ވެ އެވެ. އެހެންވެ، އެ އިމާރާތުގެ ފުރަތަމަ ފްލޯ ބޭނުން ކުރަމުން އައީ ގުދަނެއްގެ ގޮތުގަ އެވެ. އެ ބްލޮކްގެ މަތީގައި ޖާގަ ތަނަވަސް ހަތް ކްލާސް ރޫމް ހުއްޓަސް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް އެންގުމުން އެ ކްލާސް ރޫމުތައް ބޭނުން ކުރުން ހުއްޓާލިތާ ހައެއްކަ އަހަރުވެއްޖެ އެވެ. އެކަމަކު، އެ ފްލޯގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ހެލްތު ރޫމް ހިންގަ އެވެ.

ސްކޫލްގެ ހާލަތު އެނގޭ މީހަކު 2022 ގައި "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި ވާރޭ ވެހިއްޖެ ނަމަ ޑެޕިއުޓީ ޕްރިންސިޕަލުންގެ ކޮޓަރީގައި ވެސް އޮންނަނީ ވަރަށް ބޮޑަށް ފެން ބޮޑުވެ ހާލަތު ގޯސްވެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގެ ދެ ބުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި އެ ސްކޫލްގެ ގޯތިތެރޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެއީ 21 ކްލާސް ރޫމް ހިމެނޭ އާ އިމާރާތެކެވެ.
ދެހާހަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގެ ދެ ބުރީގެ އިމާރާތް ވަރަށް ބޮޑަށް ހަލާުކުވެ، ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސް ގިނަ ދުވަސް ވެފައިވާތީ އެ ކަމުގެ ކަންބޮޑުވުން ބެލެނިވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ އިމާރާތް ބޭނުން ނުކުރެވޭތީ ކުދިންނަށް ކިޔަވައި ދެމުން އަންނަނީ ބީ ބްލޮކް އާއި ސީ ބްލޮކްގަ އެވެ. އެކަމަކު، ކުދިންނަށް މިހާރު ކިޔަވައިދޭ އިމާރާތުގެ ބައެއް ތަންތަނުގައި ރެނދުލާފައިވާ ކަމުގެ ޝަކުވާ ވެސް ކުރިން ކޮށްފައި ވެ އެވެ.
މި މައްސަލަތަކާ ހެދި ކްލާސްރޫމްތައް މަދުވެ، މެނޭޖު ކުރުމުގައި ހުރި ދަތިތަކުގެ ޝަކުވާ ވެސް ބެލެނިވެރިން ކޮށްފައި ވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 21 ކްލާސްރޫމްގެ އާ އިމާރާތާ އެކު އެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.