04 ޖޫން 2025 - 18:10

ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ އާ ސްކޫލުން ޖާގަ ހޯދަން ބޭނުންވާ ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ. އެ ފުރުސަތު އެ މިނިސްޓްރީން ހުޅުވައިލީ މާލެ ސަރަހައްދުގެ އެކި ސްކޫލްތަކުގައި ކިޔަވަމުން އަންނަ ކުދިންނަށް އެކަންޏެވެ.

މުޅި ރާއްޖޭގައި ވެސް އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ހުޅުމާލެ 2 ގައި މިހާރު އިމާރާތް ކުރަމުން އަންނަ އާ ސްކޫލުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކުރިން ވަނީ ވިދާޅުވެފަ އެވެ. ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތް ކުރަމުން އަންނަ އަދި އޭސީ ވެސް ކުރަން ކަނޑައަޅާފައިވާ އެ ސްކޫލް މި އަހަރުގެ ނޮވެމްބަރު މަހު ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭނެ އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިންނަށް މި މަހުގެ 1 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ސްކޫލުގައި އެއްދަންފަޅި އަށް 1،500 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ނިންމާފައި ވަނީ އާ ސްކޫލުން ޖާގަ ބޭނުންވާ ކުދިން ގިނަ ނަމަ ދެ ދަންފަޅި އަށް ބަދަލުކޮށް، ވީހާ ވެސް ގިނަ ކުދިންނަށް ފަސޭހަކޮށް، އެ ކުއްޖެއްގެ ގެއާ ކައިރި ސްކޫލަކަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.
"މިހާރު އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސްކޫލް އެންރޯލްމެންޓް ޕްރޮޖެކްޝަން ހެދުމަށް ފަހު، ދަންފަޅިތައް ތަރުތީބު ކުރަން މިނިސްޓްރީން ވަނީ ނިންމާފައި،" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
"މައުލޫމާތު އެއްކުރަން ހަމަޖެހިފައިވަނީ 15 ޖޫންގެ ނިޔަލަށް. އެހެންކަމުން، ސުންގަޑި ހަމަވުމުގެ ކުރިން ފޯމު ފުރުއްވުމަށް އިލްތިމާސް ކުރަން."
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މާލޭގެ ސްކޫލްތަކުގެ ޖާގަތައް ފުރުމުގެ ސަބަބުން، ހުޅުމާލޭގެ ސްކޫލްތަކުގައި އެކަނިވެސް 900 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލެ 2 ގެ ސްކޫލުތަކުން ޖާގަ ނުލިބިގެން ހުޅުމާލެ 1 ގެ ސްކޫލުތަކުގައި މިހާރު 300 ކުދިން ކިޔަވާ ކަމަށް ވެސް ބުންޏެވެ.
ހުޅުމާލޭގައި އިތުރު ދެ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ. ހުޅުމާލެ އަށް މި ވަގުތު ވެސް އިތުރު ހަތް ސްކޫލް ބޭނުންވާ ކަމަށް މިނިސްޓްރީން ބުނެފައި ވެ އެވެ.