03 ޖޫން 2025 - 21:03

ހުޅުމާލޭގެ އާބަން ފާމިންގެ ދެވަނަ މަޝްރޫއު މިއަދު ފަށައި، 18 ބިމެއް ދަނޑުވެރިކަމަށް ކުއްޔަށް ދޫކޮށްފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފްތިތާހުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާބަން ފާމިން 2 ގެ ޕްލާޒާ ހުޅުއްވައިދެއްވީ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
އެޗްޑީސީން ބުނީ ޖަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީއާ ގުޅިގެން އެ ކުންފުނިން ހިންގާ "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ތަމްރީނު ދިނުމުގެ އިތުރުން އެ މީހުން ހައްދާ ބާވަތްތައް ވިއްކައި، އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށް ދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގޭ މި މަޝްރޫއުގެ ދަށުން މި ބުރުގައި 84 ދަނޑުވެރިން ތަމްރީނުކޮށް އެ މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށެވެ.
މިއަދު އިފްތިތާހުކުރި މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ބިމެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި، ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމަށް އެ ބިންތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ވެސް ހަދާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އާބަން ފާމިން މަޝްރޫއަކީ ހުޅުމާލޭގެ ނެއިބަހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 2021 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހުޅުމާލޭ ނެއިބާހުޑް ތިނަކުން 16 ބިމެއް ދަނޑުވެރިކަން ކުރަން ކުއްޔަށް ދޫކޮށްފައިވެ އެވެ.