03 ޖޫން 2025 - 14:46

ހުޅުމާލޭގައި ޕާކްކޮށްފައިހުރި ވެހިކަލްތަކަކުން ވައްކަން ކުރަމުން ދިޔަ މީހަކު ހުއްޓުވައި، ތަކެއްޗާ އެކު ހައްޔަަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަބްދުއްރަހްމާން ހުސައިން، 33، ލ. އިސްދޫ، އޯކިޑްމާގެ އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރިގައި އޮންނަ ޕާކިން ޒޯން ކައިރީގައި ހުއްޓާ ކަމަށެވެ.
އޭނާ ހިފެހެއްޓީ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކޮށް، ސައިކަލަށް އަރައިގެން ދާން މަސައްކަތްކުރާކަން ފާހަގަކުރެވިގެން ކަމަށް ފުލުހުން ބުންޏެވެ. އިތުރަށް ބެލި އިރު އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ވެހިކަލްތަކެއް ހުޅުވާފައި ހުރި ކަމަށާއި ވަގަށް ނަގާފައިވާ ތަކެތި ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ޕާކު ކޮށްފައި އޮތް ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައިގެން އެ މީހާ ވައްކަންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ އަރައިގެން ދާން މަސައްކަތްކުރި ސައިކަލު ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި ފައިސާ އާއި ފޯންތަކަކާއި ޗާޖިން ކޭބަލްތަކެއް ފެނިފައިވެ އެވެ.
އޭނާ ހުއްޓުވި ވަގުތު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް އެއްލާލި ކަމަށާއި އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.