03 ޖޫން 2025 - 13:00

އިޒްރޭލާއި އެމެރިކާއިން ޣައްޒާގައި އެހީ ބަހަން ހިންގާ މަރުކަޒެއްގެ ކައިރީގައި މިއަދު ވެސް 27 މީހަކު ޝަހީދުކޮށްލައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް އެހީގެ މަރުކަޒެއްގެ ކައިރީ އިޒްރޭލު ސިފައިން ބަޑިޖަހައި 31 މީހަކު ޝަހީދުކޮށްލާފައި ވާއިރު މިއަދުވެސް ކަން ކޮށްފައި ވަނީ އެގޮތަށެވެ. އިޒްރޭލު ސިފައިން ބުނީ ހަމަލާ ދޭން ޖެހުނީ "ޝައްކުކުރެވޭ ބަޔަކު" ސިފައިންނާ ދިމާލަށް އަންނަން ފެށުމުން ކަމަށެވެ.
"ރަފަހްގެ ހުޅަނގު އުތުރުގައި އޮންނަ އަލް-މަވާސީ ސަރަހައްދުގެ އަލް-އަލަމް ރައުންޑްއަބައުޓް ކައިރިއަށް ފަތިހުން ފެށިގެން އެއްވަމުން ދިޔަ އެތައް ހާސް އާންމުންގެ ގަޔަށް އިޒްރޭލު ސިފައިން ޓޭންކުތަކާއި ޑްރޯންތަކުން ހަމަލާ ދިނުމުން 15 މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވި...،" ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވި އެވެ.
އޭގެ ފަހުން އޭނާ ވިދާޅުވި ގޮތުގައި މި އަދަދު ވަނީ 27 އަށް އަރައިފަ އެވެ.
މި ރައުންޑަބައުޓަކީ އެމެރިކާގެ އެހީއާ އެކު އުފައްދާފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ހިންގާ އެހީގެ މަރުކަޒާ ގާތްގަނޑަކަށް އެއް ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.
އަސްކަރިއްޔާއިން ބުނީ އެހީދޭ މަރުކަޒާ ދިމާލަށް މީހުން ދަތުރުކުރަމުން ދިޔައިރު އެތަނަށް ދާން ކަނޑައަޅާފައިވާ މަގުތަކުން ބޭރުވެ އެހެން ދިމަދިމާލުން މީހުން ދާތަން ފެނުނު ކަމަށެވެ.
"ސިފައިން އެންމެ ފުރަތަމަ ބަޑި ޖެހީ އިންޒާރު ދިނުމުގެ ގޮތުން. އެކަމަކު ޝައްކު ކުރެވޭ މީހުން ނުހުއްޓުނު. އެހެންވެ، ސިފައިންނާ ދިމާލަށް އައި ވަކިވަކި މީހުންނަށް ހަމަލާދޭން ޖެހުނު،" މި ހާދިސާ ހިނގާފައިވާ ކަމަށާއި އިތުރު ތަފްސީލް ހޯދަމުން އަންނަ ކަމަށް ބުނެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކާއެއްޗެހި ހޯދަން ފިރިމީހާ އެކު ދިޔަ އުމުރުން 30 އަހަރުގެ ރާނިޔާ އަލް އަސްތާލް އޭއެފްޕީއަށް ބުނި ގޮތުގައި ބަޑި ޖަހަން ފެށީ ފަތިހު 5:00 ހާއިރު އެވެ.
"ގާތްގަނޑަކަށް 5:00 ހާއިރުން ފެށިގެން އިރުއިރުކޮޅަކާ ދިޔައީ ހަމަލާ ދެމުން. އަލް-އަލަމް ރައުންޑްއަބައުޓް ކައިރިއަށް މީހުން ކައިރިވާން ފަށާއިރަށް ހަމަލާދޭ،" އޭނާ ބުންޏެވެ.
"އެކަމަކު މީހުން އެ ހަމަލާތަކަށް ބެލުމެއް ނެތި ކުރިއަށް ޖެހެމުން ދިޔައީ ... ވަރުގަދައަށް ހަމަލާދޭން ފެށީ އެ ހިސާބުން."
އެތަނަށް ދިޔަ އެހެން މީހެއް ކަމަށްވާ އުމުރުން 44 އަހަރުގެ މުހައްމަދު އަލް ޝާއިރު ބުނީ އިޒްރޭލު ސިފައިން ވައިގެ ތެރެއަށް ބަޑިޖެހުމަށް ފަހު ދެން ކުއްލިއަކަށް ހަމަލާދޭން ފެށީ ސީދާ މީހުންނަށް އަމާޒުކޮށްފައި ކަމަށެވެ.
"ހެލިކޮޕްޓަރަކާއި ކުއަޑްކޮޕްޓަރުތަކެއް (ޑްރޯން) އެއްވެފައި ތިބި މީހުންނާ ދިމާލަށް ބަޑިޖަހަން ފެށީ ޓޭންކުތައް އަތުރައި ހުރަހެއް ގޮތަށް ހަދާފައިވާ ދިމާލަށް މީހުން ދިޔަ ނުދޭން ވެގެން،" އޭނާ ބުންޏެވެ.
"އަހަންނަށް އެހީގެ މަރުކަޒާ ހިސާބަކަށް ނުދެވުނު. އެހެންވެ ކާއެއްޗެއް ވެސް ނުލިބުނު."
އިޒްރޭލުން ބުނީ އެހީގެ މަރުކަޒާ ހިސާބަށް މީހުން ދިއުމަށް ސިފައިން ހުރަސް ނާޅާ ކަމަށެވެ.
ޖީއެޗްއެފުން ބުނީ މިއަދު ވެސް އޮޕަރޭޝަންތައް "ރައްކާތެރިކަމާ އެކު ކުރިއަށް ގެންދިޔަ" ކަމަށާއި ނަމަވެސް ސޭފް ކޮރިޑޯއިން ބޭރުން އަދި ރެސްޓްރިކްޓެޑް މިލިޓަރީ ޒޯނަކަށް ވަދެގެން އުޅުނު އާންމުންނަށް ހަމަލާދިން ހާދިސާއެއް ހިނގިކަން އެނގިފައިވާ ކަމަށެވެ.
ޖީއެޗްއެފުން ބުނީ އާންމުންނަށް ކަނޑައަޅާފައިވާ ސަރަހައްދު ތެރޭ ތިބުމަށް އެދޭ ކަމަށާއި ރައްކާތެރިކަން ކަށަވަރުވާނީ އޭރުން ކަމަށެވެ.