03 ޖޫން 2025 - 07:14

މި ހައްޖު މޫސުމުގައި ބަލި މީހުންނަށް ބޭހާއި އެހެނިހެން ސިއްހީ ސާމާނު ފޯރުކޮށްދިނުމަށް ޑްރޯން ބޭނުންކުރާނެ ކަމަށާއި މި ބަދަލާ އެކު އެއް ގަޑިއިރުގެ ވަގުތު ހަ މިނެޓަށް ކުރުވާނެ ކަމަށް ސައުދީގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ސައޫދީ ޕްރެސް އެޖެންސީން ބުނީ މި އިނީޝިއޭޓިވްގެ ދަށުން ބޭސް ފޮނުވަން 136 އަށް ވުރެ ގިނަ ތަންތަން ހިމެނޭ ނެޓްވޯކެއް ގާއިމުކޮށްފައިވާ ކަމަށާއި 2،000 އަށް ވުރެ ގިނަ ބާވަތުގެ ބޭހާއި މެޑިކަލް ސާމާނު ލިބޭނެ ކަމަށެވެ.
މި ޑެލިވަރީތައް އިންތިޒާމްކުރާ މެޑިކަލް ލޮޖިސްޓިކް ފާމް، ނިއުޕްކޯގެ ރިޔާސަތު ބަލަހައްޓަވާ ހެލްތު މިނިސްޓަރު ފަހާދު އަލް ޖަލަޖެލް އިއްޔެ ވަނީ އަރަފާތު ފަރުބަދަ ކައިރީގައި ހުންނަ ފެސިލިޓީއެއްގައި އެ ކުންފުނީގެ ޑްރޯން އާއި ހެލިކޮޕްޓަރުގެ ފްލީޓް ބައްލަވާލައްވާފަ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ޑްރޯން ޓެކްނޮލޮޖީގެ ސަބަބުން ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަން އިތުރުވެ، ހައްޖުގެ އަޅުކަމުގައި އުޅޭއިރު ބޭނުންވާ ބޭހާއި ސިއްހީ ސާމާނު އަވަހަށް ޑެލިވަރީ ކޮށްދޭނެ އެވެ.
މިނާ، މުޒްދަލިފާ އަދި އަރަފާތު ފަރުބަދައިގެ ހަ މެޑިކަލް ސެންޓަރުގައި ނިއުޕްކޯގެ ޑްރޯންތައް ބަހައްޓާނެ ކަމަށް އެތަނުން ބުންޏެވެ. ނިއުޕްކޯއިން ވަނީ ހައްޖުގެ އަޅުކަމުގައި ސަލާމަތީ ހިދުމަތްތެރިންގެ ސިއްހީ ހާލަތު ބެލުމަށް ސްމާޓް ބްރޭސްލެޓް ވެސް ފޯރުކޮށްދީފަ އެވެ.
މިފަހަރު ހައްޖުގެ އަޅުކަމުގައި ގާތްގަނޑަކަށް 1.25 މިލިއަން މުސްލިމުން ބައިވެރިވާނެ ކަމަށް އަޅުކަން އަދާކުރާނެ ކަމަށް ބެލެވެ އެވެ.