20 މާޗް 2017 - 06:12

ބޮލީވުޑް ތަރި އާމިރު ޚާން އެންމެ ފަހުން ކުޅުނު "ދަންގަލް" އަކީ މިހާތަނަށް އެ އިންޑަސްޓްރީން އުފެއްދި އެންމެ ކާމިޔާބު ފިލްމަށް ވަނީ ވެފަ އެވެ. އަދި މި ފިލްމުން އާމިރަށް 175 ކްރޯޑު (28 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް ފިލްމްފެއާއިން ބުނެފައިވެ އެވެ.
މި ފިލްމަށް އިންޑިއާ އާއި އެހެން ގައުމުތަކުން މުޅިއެކު 532 ކްރޯޑު (5.3 ބިލިއަން ރުޕީސް) ލިބިފައިވެ އެވެ.
މި ފިލްމުގެ މައުލޫމާތު އެނގޭ މީހަކު ފިލްމްފެއާއަށް ކިޔައިދީފައިވާ ގޮތުގައި އާމިރު ޚާނަށް މި ފިލްމުން 175 ކްރޯޑު ލިބުނެވެ. ސަބަބަކީ މި ފިލްމު އޭނާ ކުޅެދިނީ ވަކި އަގެއް ނުނަގައި ފިލްމަށް ލިބޭ ފައިދާއިން ބައެއް ލިބޭ ގޮތަށް ފިލްމުގެ ޕްރޮޑިއުސަރު ޑިޒްނީ ޔޫޓީވީއާ އެއްބަސްވުމެއް ހަދައިގެން ކަމަށް ވާތީ އެވެ.
ފިލްމުގެ ފެށުމުގެ ކުރިން އޭނާއަށް 35 ކްރޯޑު (350 މިލިއަން ރުޕީސް) ދިނެވެ. އަދި ފިލްމުގެ 33 ޕަސެންޓް ޕާޓްނާޝިޕް އޭނާއަށް ދީފައި އޮތުމުން ފިލްމަށް ލިބުނު އެއްޗެއްގެ ތިން ބައިކުޅަ އެއްބައި ވެސް ލިބުނީ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފިލްމުގެ ސެޓެލައިޓް ރައިޓްސް ވިއްކައިގެންނާއި އެހެނިހެން ގޮތް ގޮތުން ލިބޭ ފައިސާއިން ވެސް އޭނާ އަށް ރޯޔަލްޓީ ލިބޭނެ އެވެ.
"ދަންގަލް" އަށް ފަހު މިހާރު އާމިރު ތައްޔާރުވަމުން ދަނީ އަމީތާބު ބައްޗަންއާ އެކު ކުޅޭ "ތަގްސް އޮފް ހިންދުސްތާން" އަށެވެ.
އާމިރު ޚާނަކީ އޭނާ ކުޅޭ ފިލްމުތަކުގެ ކެރެކްޓާއަށް ވަރަށް ފުރިހަމައަށް ތައްޔާރުވެ އެ ކެރެކްޓާއަކަށް ފުރިހަމައަށް އިންސާފުކުރާ އެކްޓަރެކެވެ. އެހެންވެ އޭނާ ބައިވެރިވާ ފިލްމުތައް އިޝްތިހާރު ނުކުރިޔަސް ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެންމެންނަށް ވެސް އޮވެ އެވެ.