02 ޖޫން 2025 - 06:23

އެމެރިކާގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ޣައްޒާގައި އެހީ ބަހާ ތަނެއްގެ ކައިރީގައި އިޒްރޭލުން ބަޑިން ހަމަލާ ދިނުމުގެ ސަބަބުން ޝަހީދުވެފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ނަމަވެސް ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ބުނީ އެހީ ބެހުމުގެ ކަންކަން ދިޔައީ ރަގަޅަށް ކަމަށާއި މިފަދަ އެއްވެސް ހާދިސާއެއް ނުހިނގާ ކަމަށެވެ.
ޖީއެޗްއެފުން މިދިޔަ ހަފުތާގައި ހިދުމަތް ދޭން ފެށި ފަހުން އެތައް މިލިއަން ކެއުމެއް ފޯރުކޮށްދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ. ނަމަވެސް ލިބެން ހުރި މަދު ޑިސްޓްރިބިއުޝަން ސެންޓަރުތަކުގައި ހަލަބޮލިކަން އުފެދި އިޒްރޭލުން ބަޑި ޖެހުމުން އެތައް ބަޔަކު މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ.
ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ "31 މީހެއްގެ ފުރާނަ ގެއްލި، 176 އަށް ވުރެ ގިނަ މީހުން ޒަހަމްވި" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފްހުގައި ހުންނަ އެމެރިކާގެ އެހީގެ މަރުކަޒު ކައިރީގައި އާންމުންގެ އެތައް ހާސް ބަޔަކަށް އަމާޒުކޮށް އިޒްރޭލުން ބަޑިޖެހުމުންނެވެ.
އޭއެފްޕީން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެހީ ބަހާ މަރުކަޒު ކައިރީން ޝަހީދުކޮށްލި ބައެއް މީހުންގެ ހަށިތައް ގާޑިޔާ ފަދަ އެއްޗިއްސަށް އަރުވައިގެން މީހުން އެތަނުން ދާން އުޅެ އެވެ.
އެކަމަކު އިޒްރޭލުން ބުނީ މިފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިފައި ނެތް ކަމަށެވެ. އަދި ޖީއެޗްއެފްގެ ތަރުޖަމާނު ބުނީ އެހީ ބަހާ ހުރިޙާ ތަނެއްގައި ވެސް ކަންކަން ދިޔައީ ރަނގަޅަށް ކަމަށެވެ.
"ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގު. އެއީ ހަމާސް އިން ފަތުރާ ޕްރޮޕަގެންޑާ،" ޖީއެޗްއެފްގެ ތަރުޖަމާނު ބުންޏެވެ.