19 މާޗް 2017 - 15:15

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޗް1އެން1 އިން ރައްކާތެރިވުމަށް، އެކަމަށް ހާއްސަ ވެކްސިން ރާއްޖެއިން ބޭރުން އަމިއްލައަށް އެތެރެކޮށްގެން ޖަހާތީ ބައެއް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެކި ހިސާބުތަކުގައި ފެތުރެމުންދާ ހުމާއި ރޯގާއާ އެކު ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ސްވައިން ފްލޫ އަށް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް 114 މީހުން ޕޮޒިޓިވް ވެފައިވާއިރު ދެ މީހަކު މި ބަލީގައި ވަނީ މަރުވެފަ އެވެ.
މި ރޯގާއާ ގުޅިގެން ބައެއް މީހުން ދަނީ އަމިއްލައަށް ވެކްސިން އެތެރެކޮށްގެން ޖަހަމުންނެވެ. އެކަމަކު، މިއީ އޭގައި ވަރަށް ނުރައްކާ އެކުލެވޭ ކަމެއް ކަމަށް ޑޮކްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން ވެކްސިން އަމިއްލައަށް ނުޖެހުމަށް ނަސޭހަތްތެރިވެވަޑައިގެން ބައެއް ޑޮކްޓަރުން ވިދާޅުވީ އެ ވެކްސިނަކީ ވެސް ވަކި ފިނިހޫނިމިނެއްގައި ބަހައްޓަންޖެހޭ އަދި ސިއްހީ މާހިރުންގެ ލަފަ އާއި އިރުޝާދުގެ ދަށުން ނޫނީ ބޭނުންކޮށްގެންވާނެ ވެކްސިނެއް ނޫން ކަމަށެވެ. އެކަމަކު، އެ ވެކްސިން އާއްމު ބޭސް ބޭނުންކުރާ އުސޫލުން ބޭނުންކުރުމަކީ ސިއްހަތަށް ރައްކާތެރި ކަމެއް ނޫން ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވި އެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އަފީފް ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވާފައިވާ ގޮތުގައި އިންފުލުއެންޒާ ވެކްސިނަކީ އުފެއްދުމާ ހަމައިން އެ ޖަހައި ނިމެންދެން ވަކި ފިނިހޫނިމެއްގައި ބަހައްޓަން ޖެހޭ އެއްޗެކެވެ. އެކަމަށް ހާއްސަ ފިނިހޫނުމިނުގައި ނުބަހައްޓައިފި ނަމަ ވެކްސިން ހަލާކުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަލާކުވެފައިވާ ވެކްސިން ދިނުމުން ފައިދާ ކުރުމުގެ ބަދަލުގައި ލިބިދާނެ ގެއްލުން މާބޮޑު،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންފުލުއެންޒާ ވެކްސިން ދިނުމުން އެލާޖިކްވުން ފަދަ މައްސަލައެއް ކުރިމަތިވުމަކީ ނާދިރު ކަމަކަށް ވިޔަސް އެފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި ރައްކާތެރިވުމަކީ މުހިއްމު ކަމެކެވެ. އެހެންވެ ވެކްސިން ދިނުމުން ލިބިދާނެ ގެއްލުމަކަށް ވިސްނުމެއް ނެތި ބޭނުން ނުކުރަން އޭނާ އެދިވަޑައިގަންނަވަ އެވެ.
އެހެން ޑޮކްޓަރަކު ވިދާޅުވީ ނަރުހުންނަށް ވެސް އިންފުލުއެންޒާ ވެކްސިން ޖެހޭނީ، ޑޮކްޓަރުންގެ ހާއްސަ އިރުޝާދުގެ ދަށުން ކަމަށެވެ. އެއީ،ރައްކާތެރި ނޫން ގޮތުގައި އެ ވެކްސިން ޖެހުމުން ގެއްލުން ބޮޑުވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްވަންއެންވަން ވެކްސިން އަމިއްލައަށް ބޭނުން ނުކުރަން، ޑޮކްޓަރުން ލަފާ ދެމުން އަންނައިރު، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ އޮފީހުން ހުމުގެ ރޯގާއަށް ރާއްޖެ އިން ބޭރުން އެތެރެކުރި ބޭހާ އެކު ވެކްސިން ވެސް އެތެރެކުރި އެވެ. އެކަމަކު ބޭސް ބެހި އުސޫލުން މި ވެކްސިން ނުބަހާ ކަމަށާއި ވެކްސިން ޖެހީ ހާއްސަ ބަޔަކަށް ކަމަށް މެމްބަރު އަހްމަދު މުބީން ވަނީ ވިދާޅުވެފަ އެވެ.