01 ޖޫން 2025 - 17:23

އިރުއޮއްސުމުގެ ކުރިން މުޅި މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިހާތަނަށް ކުރި މަސައްކަތުން މާލޭގެ 60 ޕަސެންޓަށް އަދި ހުޅުމާލޭގެ 78 ޕަސެންޓަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބްރިޖުން ގުޅުވާލާފައިވާ ކޭބަލް އެނާޖައިޒް ކުރުމުގެ މަސައްކަތެވެ.
"ދެން އިންޓަކަނެކްޝަން ދެވުމުން މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވިގެންދާނެ،"
ސްޓެލްކޯ އިން ބުނީ އިންޖީނިއަރުން އަންނަނީ ދިމާވި މައްސަލަ ބަލަމުން ކަމަށާއި މިކަމަށް ގިނަ ވަގުތު ހޭދަވީ މުޅި ގްރިޑުން ކަރަންޓު ދިއުމުން އެކަން ރަނގަޅަށް ޔަގީންކޮށްފައި ނޫން ގޮތަކަށް ކަރަންޓު ނުދޭން ކަމަށެވެ.
"ލަސްވާ ލަސްވުމަށް ސްޓެލްކޯގެ ފަރާތުން ވަރަށް ބޮޑަށް މާފަށް އެދެން،"
ސްޓެލްކޯ އިން ބުނި ގޮތުގައި ގްރިޑު ގުޅުވާލުމުގެ މަސައްކަތް ފެށީ މީގެ ބައިގަޑިއިރު ކުރިންނެވެ. އަދި ކުރިއަށް އޮތް 45 މިނެޓުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެެވެ.
"މުޅި ޕްރޮސެސްއަށް ހިނގާނެ، 1 ގަޑިއިރާ 15 ވަރަކަށް މިނެޓު. އެހެންވީމަ ކުރިއަށް އޮތް 45 މިނެޓުގެ ތެރޭގައި ނިންމާލެވޭނެ،"
ސްޓެލްކޯ އިން މިހާރު ވަނީ ހުޅުމާލޭ ފޭސް އެކަކަށް ކަރަންޓު ދީފަ އެވެ. މިވަގުތު ކަރަންޓު ނެތީ ހިޔާގެ 1 ވަނަ ޓަވަރުން 8 ވަނަ ޓަވަރާއި ވިނަރެސް ފްލެޓްތަކުގަ އެވެ. އެކަމަކު ގްރިޑުގެ މަސައްކަތް ނިމުމާ އެކު އެ ތަންތަނަށް ވެސް ކަރަންޓު ދެވޭނެ ކަމަށް ބުންޏެެވެ.
ސްޓެލްކޯ އިން ބުނީ މިވަގުތު މަސައްކަތް ކުރަނީ އެކަން ދިމާވި ސަބަބު ހޯދަން ނޫން ކަމަށާއި އޭގެ ބަދަލުގައި ކަރަންޓު ވީއެންމެ އަވަހަކަށް ފޯރުކޮށްދޭން ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން މެއިން ކޭބަލަކަށް މާބޮޑު ގެއްލުމެއް ލިބިފައިވާ ނެތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއަދު މެންދުރު 12:45 ހާއިރު ކަރަންޓު ކެނޑުނުއިރު ވަނީ ހޮސްޕިޓަލުތަކާއި އެއާޕޯޓުން ވެސް ކަރަންޓު ކެނޑިފަ އެވެ. އެކަމަކު ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ވަނީ އެތަންތަނަށް ކަރަންޓު ދީފަ އެވެ.
ކަރަންޓު ކެނޑުމުން ސްކޫލުތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން ވެސް ކެންސަލުކޮށްފައިވެ އެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމުން ފުލުހުންގެ އިދާރާ އިން ވެސް ދަނީ އެކަން ހިނގި ގޮތެއް ބަލަމުންނެވެ.